އެމްޑީޕީ މިއޮތީ ވަރަށް ބޮޑަށް ހަރަކާތްތެރިވެފައި ކަމަށާއި އެއީ ސަރުކާރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު 15:00 ހާއިރު ގަލޮޅު މަދަރުސާގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީ ވަރަށް ބޮޑަށް ހަރަކާތްތެރިވެފައިވާ ކަމަށާއި ހުރިހާ ރަށަކުން ވެސް މިހާރު ރީނދޫ ކުލައާއި ޕާޓީގެ ޖޯޝު ފެންނަމުންދާ ކަމަށެވެ. އަދި އެކަން ސަރުކާރަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.
”އެއީ ވަރަށް ބޮޑު ޗެލެންޖެއް. އެމްޑީޕީ މިއޮތީ ވަރަށް ބޮޑަށް ހަރަކާތްތެރިވެފައި. ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ހުރިހާ ރަށެއްގައި ވެސް ރީނދޫ ކުލައާ އަޅުގަނޑުމެންގެ ލަވަތަކާއި އަޅުގަނޑުމެންގެ ޖޯޝާއި އަޅުގަނޑުމެންގެ ދިދައާ އަޅުގަނޑުމެންގެ ވަކާލާތު،“ ނަޝީދު ވިދާޅުވިއެވެ.
މިއަދަކީ މޫސުން ގޯސް ދުވަހެއް ނަމަވެސް، ޕާޓީގެ މެމްބަރުން ނުކުމެ، ވޯޓުލަމުންދާ ކަމަށާއި އެކަން ކިޔޫތަކުން ފެންނަމުންދާކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީގެ ހުރިހާ އިންތިޒާމުތަކެއް ފުރިހަމަވެގެން، ފުރިހަމަ ވޯޓެއް ކުރިއަށްދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، މޫސުން ގޯސްވިނަމަވެސް، ޕާޓީގެ މެމްބަރުން ގޭގައި ނުތިބެ، ވޯޓުލާން ނުކުތުމަށް ނަޝީދު އެދިވަޑައިގަތެވެ.
”މިއީ ވަރަށް އުފާވެރި މަންޒަރެއް އިނގޭތޯ، އެމްޑީޕީގެ ހުރިހާ އިންތިޒާމުތަކެއް ފުރިހަމަވެގެން އައިސް، ވަރަށް ފުރިހަމަ ވޯޓެއް އިރާދަކުރެއްވިއްޔާ ފެންނަމުން މިދަނީ،“ ނަޝީދު
ނަޝީދާއެކު ބޮޑު ބަދަލު ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް މިއަދު 2:30 ހާއިރު ވަނީ އިސްކަންދަރު ސްކޫލަށް ވަޑައިގެން ވޯޓު ލައްވައިފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މެމްބަރުންގެ އަދަދަކީ 48،912 އެވެ. މި އިންތިހާބުގައި 241 ވޯޓު ފޮއްޓަކަށް ދަނީ ވޯޓުލަމުންނެވެ. އޭގެ ތެރޭގައި މާލޭގެ 10 ސްކޫލެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ވެސް ހިމެނެއެވެ.

