ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށާއި، ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ސަބަބުން ދިމާވެދާނެ ގެއްލުން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާތެރިވުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ ކޮރޯނާ ވައިރަސައަށް ގިނަ ބަޔަކު ޝައްކުކުރެވިގެން ޓެސްޓް ކުރަމުންދާއިރު ހަދަމުންދާ ޓެސްޓްތައް އަވަސް ކުރުމަށާއި ބޭނުންވާ ވަސީލަތްތައް ހޯދުމަށް ގޮވާލާފައެވެ.
މީގެއިތުރުން ރާއްޖޭގެ ވިޔަފާރިތަކަށާއި މުޅި އިގްތިސާދަށް ކުރަމުންދާ އަސަރުތައް ދެނެގަނެ ވީހާވެސް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. ހަމައެހެންމެ ވިޒީފާއަދާކުރާ ފަރާތްތަކުގެ ރައްކާތެރި ކަމަށްޓަކައި އަލަން ޖެހޭ ފިޔަވަޅުތައް ވެސް އެޅުމަށް ޕީޕީއެމް، ޕީއެންސީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ޕީޕީއެމް، ޕީއެންސީގެ ބަޔާނުގައި ވަނީ ސިއްހީ ކަމާއި ގުޅުންހުރި މާހިރުން ދެއްވާ ލަފަޔާއި އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ކޮރޯނާ ވައިރަސް ފެންނަމުންދާ އަވައްޓެރި ގައުމުތަކުން މީހުން އައުމާއި އެފަދަ ގައުމުތަކަށް ދިވެހިން ދިއުން މަނާކުރުމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

