ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ޑެންގީ ހުމާއި ބޭރަށް ހިނގުމާއި ވައިރަލް ހުން އަދި އަރިދަފުސް ރޯގާ ޖެހޭ މީހުން އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެގޮތުން، އެ އެޖެންސީން ނެރުނު މެއި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހާ އަޅާބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު ވަނީ 648 އިން 778 އަށް އިތުރުވެފައެވެ.
ޑެންގީ ހުން ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އިތުރުވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާއިރު މި އަހަރުގެ އޭޕްރިލް މަހު 648 ކޭސް ރިޕޯޓްކޮށްފައިވެއެވެ. 2025 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރިޕޯޓުކުރީ އެ ބަލީގެ 153 ކޭސްއެވެ.
ފާއިތުވި މެއި މަހު ޑެންގީ ހުން ޖެހިގެން 778 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކުރީ 173 ކޭސްއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބޭރަށް ހިންގުން އިތުރުވެފައިވަނީ މާލެ ސަރަޙައްދުގެ އިތުން ބ، ކ، އއ، ފ އަދި ޏ އަތޮޅުގައެވެ. ވައިރަލް ހުމަށް ބަލާއިރު ހއ، އަދި ގދ އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އިތުރުވެފައިވެއެވެ. އަދި ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އަރިދަފުސް ރޯގާ އާއި ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގައިވެސް ގައިންގަޔަށް އަރާ ބަލިތައް ފެތުރެމުންދާ ދުވަސްވަރަކަށް ވުމާއެކު، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ބަލިތަކުން ރައްކާތެރިވުމަށް ޓަކައި އެޗްޕީއޭއިން ވަނީ އަންނަނިވި އިރުޝާދުތަކަށް ސަމާލުވުމަށް އެދިފައެވެ.
- ކެއްސައި ކިނބިހިއަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުން
- ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިކަމާއެކު އުކާލުމާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން
- ބޭރަށް ނުކުމެ އުޅޭއިރު އަދި ދަތުރުފަތުރު ކުރާއިރު މާސްކު އެޅުން
- ރޯގާގެ އަސަރު ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
- ބަލިވެ އުޅޭނަމަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ކައިރިނުވުމާއި، ތުއްތު ކުދިން އުރައި ނުހެދުން
- ބޯފެން ކައްކައިގެން ބޭނުންކުރުން
ޑެންގީއާއި ރޯގާ ފެތުރެމުންދާއިރު، ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ފްލޫ ކްލިނިކެއް ހުޅުވައިފައެވެ.

