ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ޓަވަރު 16 ފިޔަވައި އެހެން ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ނިންމާ އާއްމުންނަށް ހުޅުވާލައިފިއެވެ.
ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ ދަށުން، ޓަވަރު 13، 14 އަދި 15 ގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ވަނީ މައުލޫމާތުދެއްވާފައެވެ.
އެއާއެކު، ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
އެގޮތުން، އެންމެ ފަހުން މަސައްކަތް ނިމުނު ޓަވަރު 13، 14 އަދި 15 މިހާރު އާއްމުންނަށް ހުޅުވާލާފައިވާއިރު ހިޔާގެ 25 ފަންގިފިލާގެ 16 ޓަވަރު ތަރައްގީކުރިއިރު އެތަންތަނުގައި ހަރުކޮށްފައި ހުރީ ސްޓްރެޗާ އެރުވޭހާ ޖާގަ ތަނަވަސް ލިފްޓުތަކެއް ނޫން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މިހާރު ހިޔާގެ ކޮންމެ ޓަވަރެއްގައި ހަރުކުރާ އިތުރު ދެ ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި އެ ލިފްޓުތަކުގައި 21 މީހުންގެ ޖާގަ ހުންނާނެއެވެ.
އޭގެ އިތުރުން، ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކަށް އަރައި ފޭބުމަށް ދަތިވާކަމުގެ ކަންބޮޑުވުން އެ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުން ފާޅުކޮށްފައިވާކަންވެސް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް، ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރުތަކެއްގައި އެ ލިފްޓުތައް ހަރުކޮށް މިހާރު ނިމިފައިވާއިރު، އެޗްޑީސީގެ އަމާޒަކީ ބާކީ ޓަވަރުގެ މަސައްކަތްވެސް ވީހާވެސް އަވަހަކަށް ނިންމައި އާންމުންނަށް ހުޅުވާލުންކަމުގައި އެކޯޕަރޭޝަނުން ބުނެއެވެ.

