ސިޔާސީ ސަބަބުތަކަށް ޓަކައި ވަޒީފާތަކުން މީހުން ވަކިކުރުމާއި ފިޔަވަޅު އެޅުމާ ދެކޮޅަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ”ވަޒީފާ ބުރާސްފަތި“ގެ ނަމުގައި ބާއްވާ އިހްތިޖާޖަކީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް އިހުތިޖާޖުތައް ފުޅާކުރާނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) މިއަދު ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ، މިރޭ އޮންނަ ބޮޑު އިހުތިޖާޖަކީ މުޅި ރާއްޖެއަށް ފެތުރިގެންދާނެ ހަރަކާތެއް ކަމަށާއި، ބޮޑެތި ސިޓީތަކުގައި މިހާރު ވެސް ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މުޅި ރާއްޖޭގައި ހަރަކާތްތައް ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
”މިއަދު މާލޭގައި މި ފެށޭ ހަރަކާތަކީ މުޅި ރާއްޖެއަށް ފެތުރިގެންދާނެ ބޮޑު ހަރަކާތަކަށް ވެގެންދާނެ، މިހާރުވެސް ބޮޑެތި ސިޓީތަކުން ދަނީ ތައްޔާރީތައްވަމުން،“ ކަމަށެވެ.
ޔައުގޫބު މައުލޫމާތު ދިން ގޮތުގައި، އިހުތިޖާޖު ކުރިއަށް ގެންދާނެ މަގުތަކާއި އިންތިޒާމުތަކާ ގުޅޭގޮތުން މިއަދު ހެނދުނު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. އަދި މަގުތަކާއި ޓްރެފިކް ފްލޯ ކަންކަމުގެ ތަފުސީލު ފުލުހުންނާ ހިއްސާކޮށް، ހަރަކާތުގެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް ވެސް އެ ޕާޓީން ބުންޏެވެ. މި އިހުތިޖާޖަކީ ސުލްހަވެރިކަމާއެކު، އެއްވެސް ހުރަހެއް ނެތި ކުރިއަށްދާނެ ހަރަކާތެއް ކަމުގެ އިތުބާރު އޮތްކަން އެނާ ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި މައްސަލައަކީ، ސަރުކާރުގެ މުއައްސަސާތަކުން ސިޔާސީ ސަބަބުތަކަށް ޓަކައި މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށް ބުނާ މައްސަލައެވެ. އެމްޑީޕީން ބުނާ ގޮތުގައި، ވެމްކޯ، އެމްއޭސީއެލް، އެމްޕީއެލް، މިފްކޯ، ފެނަކަ، ސްޓެލްކޯ، އެމްޓީސީސީ، އާރުޑީސީ އަދި އެޗްޑީސީ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަނީ ބޭއިންސާފީ ފިޔަވަޅުތައް އަޅާފައެވެ. މީގެ އިތުރުން ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް މިފަދަ ފިޔަވަޅުތައް އަމާޒުވެފައިވާ ކަމަށް ބުނެ، ދައުލަތުގެ ވަޒީފާތަކުގެ މިނިވަންކަމާއި ރައްކާތެރިކަމާ މެދު އެ ޕާޓީން ކަންބޮޑުވުން ފާޅުކުރިއެވެ.
މީގެ އިތުރުން، ބައެއް ހާދިސާތަކުގެ ތަފުސީލު ހިއްސާކުރަމުން ޔައުގޫބް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޫއްޑޫއަށް ކުރެއްވި ޒިޔާރަތެއްގައި އެމަނިކުފާނާ ބައްދަލުކުރި ނުވަތަ ހަރަކާތްތަކުގައި ބައިވެރިވި މުވައްޒަފުންނަށް އިންޒާރުދީ، ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު ދައްކާފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީ ހިތަދޫ ބައި-އިލެކްޝަން ދުވަސްވަރު އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދުކުރި މީހުންނާމެދު ވެސް މިފަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ވިލިނގިގިލި ދާއިރާގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ، ސަރުކާރުން މިފަދަ އަމަލުތައް ހިންގަނީ ކުރިއަށް އޮތް އިންތިހާބުތަކާ މެދު އޮތް ސިޔާސީ ބިރުވެރިކަމެއްގެ ސަބަބުން ކަމަށެވެ. އިންތިހާބުތަކުން ކާމިޔާބު ނުލިބޭނެކަން ގަބޫލުކުރެވުމުން، ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ވަޒީފާގެ ބިރުވެރިކަން ދައްކައިގެން ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅަން ކަމަށް ވިދާޅުވިއެވެ.
ފުލުހުންނާ ކުރިމަތިލުމެއް ހިނގައިފާނެތޯ ނޫސްވެރިން ސުވާލުކުރުމުން ވިދާޅުވީ، އިހުތިޖާޖު ކުރިއަށްދާނީ ސުލްހަވެރިކަމާއެކު ކަމަށާއި، ފުލުހުންވެސް ޕްރޮފެޝަނަލްކޮށް އަމަލުކޮށް، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނީ ހައްގަށް އިހުތިރާމްކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. މީގެ ކުރިން ބޭއްވި ބައެއް މުޒާހަރާތަކުގައި ފުލުހުންގެ އަމަލުކޮށްފަވާ ގޮތުގެ ކަންބޮޑުވުން ފާޅުކުރި ނަމަވެސް، މިރޭގެ ހަރަކާތުގައި ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީން އިތުރަށް ބުނީ، ވަޒީފާގެ މައްސަލަ ޖެހިފައިވާ ހުރިހާ ފަރާތްތަކަށް، ވަކި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި، އެ ޕާޓީގެ ގާނޫނީ ޓީމުން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ. އަދި ގާނޫނީ ގޮތުން މި މައްސަލަތައް ކުރިއަށް ގެންދިއުމުގެ އިތުރުން، ”ވަޒީފާ ބުރާސްފަތި“ ކެމްޕޭނުގެ ދަށުން އާންމު އިހުތިޖާޖުތައްވެސް އިތުރަށް ވަރުގަދަކުރާނެ ކަމަށް ވެސް ބުންޏެވެ.
މިރޭ 8:30 ގައި ރަސްފަންނު ސަރަހައްދުން ފަށާ އިހުތިޖާޖު ނިންމާލުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުގައެވެ. މި ހަރަކާތުގައި އެމްޑީޕީގެ ޗެއާޕާސަން، ޕާޓީގެ ރައީސް، ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ޕާޓީގެ އިސް އެހެނިހެން ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

