އިލެކްޝަން ކޮމިޝަން(އީސީ) ގެ މެންބަރުކަމަށް، އެ ކޮމިޝަންގެ މިހާރުގެ ނައިބު ރައީސް އަޙްމަދު އަކްރަމް ޢައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އަކްރަމަށް މަޤާމުގެ ހުވާލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔަރު މަހާޒް ޢަލީއެވެ.
އީސީގެ މެންބަރުކަމަށް އަކްރަމް ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ، ވޭތުވެދިޔަ ބުދަ ދުވަހުގައި އޮތް މަޖިލީހުގެ ޖަލްސާގައެވެ. އެ ޖަލްސާގައި، އީސީގެ މެންބަރުކަމަށް އަކުރަމް އައްޔަންކުރަން ފާސްކުރީ، 81 މެންބަރުންގެތެރެއިން ވޯޓުދެއްވި 72 މެންބަރުންގެ އިއްތިފާޤުންނެވެ.
އަކުރަމްގެ މެންބަރުކަމުގެ މުއްދަތު މިއަދަށް ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުޞަތުގައި، ކުރިމަތިލެއްވީ އީސީގެ ކުރީގެ މެންބަރު އަޙްމަދު ފަޔާޒާއި، އަލްއުސްތާޛާ މަރިޔަމް ޙަނީފާ ޚާލިދާއި، އަޙްމަދު މަންސޫރެވެ.
ރައްޔިތުން މަޖިލީހުގެ މިނިވަން މުޢައްސަސާތަކައި ބެހޭ ކޮމިޓީންވަނީ މި ހުރިހާ ބޭފުޅުންނާއި ވެސް، އިންޓަރވިއުކޮށް، އެ ބޭފުޅުންނަށް ރުހުން ދިނުމަށްފަހު މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް އަކްރަމްގެ ނަން ފާސްވުމުން އިތުރު ނަމަކަށް ވޯޓަކަށް ނާހައެވެ.
އީސީގެ މެންބަރުންގެ ގޮތުގައި އަކުރަމްގެ އިތުރުން ދެން ތިއްބެވީ، އީސީގެ ރައީސް އަޙްމަދު ޝަރީފާއި، މެންބަރު އިސްމާޢީލް ޙަބީބާއި، ޢަލީ ނަޝާތާއި، ފުއާދު ތައުފީޤެވެ.

