ދުނިޔޭގެ ހާލަތަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެކެވެ. އެހެންނަމަވެސް، ގިނަ އިންސާނުންގެ ކަށީގައިހިފައިފައި ހުންނަ އާދަތައް ބަދަލުވުމަކީ ވުމަށްވުރެ ނުވުން ގާތް އެއްޗެކެވެ. ބަދަލުނުވާނެއެކޭ ބަދަލުނުވެއެކޭ އަޅުގަނޑު ނުދަންނަވަމެވެ. އެހެނަސް، ދުނިޔޭގައި އަބަދުވެސް ތަންފީޒުވަމުންދަނީ، އެއް އާދަތަކެކެވެ. ބަޔަކު މީހުންގެ ހާލަތު ބަދަލުވިޔަސް، އަނެއްބަޔަކުގެ ހާލު ހުންނަނީ، ދިމާއިދިކޮޅަށެވެ. ހިތިކަދޫ ވެލެއްގެ ބުޑަށް މާމުއި އެޅިކަމުގައިވިޔަސް، އޭގައި އަޅާ އެއްޗެއް ފޮނިނުވާނޭ ބުނާ ފަދައިންނެވެ. ބަޅެއްގެ ނަގޫ ސަންފާ އޮނަކަށްލާފައި އޮތަސް ތެދެއްނުވާނޭ ބުނަ ބީދައިންނެވެ.
މިއަދު ތިޔަބޭފުޅުންގެ ކުރިމަތިފުޅަށް، މި ހުށަހަޅައިލަނީ އެފަދަ މީސްމީހުންގެ ހާލަތެވެ. އެފަދަ މީސްމީހުންގެ ގޮތެވެ. މި ގޮތުން، އަޅުގަނޑު ނަޒަރެއް މިދެނީ،
11 ފެބުރުއަރީ 1193 ގައި، ނިޔަނދުރު މުޙައްމަދު މަނިކު( މ.ނިޔަނދުރުގެ/މާލެ ) ހައްދަވާފައިވާ، ”ދުނިޔޭގެ އާދަ“ މި ޅެމަށެވެ. ތިޔަ ބޭފުޅުންނާ މި ހިއްސާކޮށްލަނީ، އެ ޢިބްރަތްތެރި ޅެމުގެ ޝަރަހައެވެ.
”ޔަޤީނޭ ދުނިޔަވީ މި ޙަޔާތުގާ މީ އޮންނަ ޤާނޫނޭ،
ޙަޤީޤަތްހޯދުމާ، އަޞްލަށް ބަލާމީހެއް ނުހުންނާނޭ“
ޖުމްލަ މާނަ: ދުނިޔޭގެ ޤާނޫނު އޮންނަގޮތުގައި، ޙަޤީޤަތާއި ކަމުގެ އަޞްލަށް ބަލާ އެއްވެސް މީހަކު ނޫޅެއެވެ.
ޝަރަހަ: ތެދެކެވެ. ކަމެއް ދިމާވުމުން، އެ ކަމެއްގެ ޙަޤީޤަތަކީ ކޮބައިތޯބަލަނީ ވަރަށް ވެސް މަދުމީހެކެވެ. ގިނަ މީހުންގެ އާދައަކަށްވެފައި އޮންނަނީ، ޙަޤީޤަތްހޯދުމުގެ ބަދަލުގައި، އެ މީހަކު ހިތުހުރިގޮތަކަށް ޖަވާބުދާރީވުމެވެ. ކަމުގެ އަސްލަށް ރުޖޫޢަވާކަށް ބޭނުމެއްނުވެއެވެ. މި ގޮތުން ބަލާއިރު، ވާހަކައެއްގެ އަޑު އިވުނަސް، ނުވަތަ ޚަބަރެއް ލިބުނަސް، އެ ވާހަކައަކީ، ނުވަތަ އެ ޚަބަރަކީ ކިހާވަރެއްގެ ޙަޤީޤަތެއް އެކުލެވިފައިވާ ވާހަކައެއްތޯ ނުވަތަ ޚަބަރެއްތޯ ބަލައިލަނީ ވަރަށް މަދު ބައެކެވެ. ވާހަކައެއް އަޑު އިވުމުން، ހިތަށްއެރިހައި ގޮތަކަށް ”ބުންޏޭ، ބުންޏޭ“ ކިޔައިގެން، އެ ވާހަކައަކަށް ފޮނިތޮށިި ކާފޫރުތޮޅި އަޅައިގެން ރަހަ ހެޔޮވަރުކޮށްލުމަކީ، ދުނިޔަވީ އާދައެވެ. ދުނިޔޭގެ ގޮތެވެ. ދުނިޔޭގެ މި ޙަޔާތުގައި އޮންނަ ޤާނޫނެވެ. ކަމުގެ ޙަޤީޤަތާއި އަސްލަށް ބުރަވަނީ ބައެއްމީހުންކަމަށް އަޅުގަނޑު ދެންނެވިޔަސް، މި ބައިތުގައި ޝާޢިރު އެ ފާހަގަކުރައްވަނީ، ޙަޤީޤަތަށް، އަސްލަށް ބަލާ އެއްވެސް މީހަކު ނެތްކަމެވެ. މި ތަނުގައި، ޝާޢިރު އެ ފަދައިން އެ ބަޔާންކުރައްވަނީ ކަމުގެ ”ބޮޑު“ ކަމާއި، ކަމުގެ ”ނުރައްކާތެރިކަން“ ބަޔާންކުރުމުގެ ގޮތުންނެވެ.
”ޝުކުރުވެރިވާނެޔޭ ހީކޮށްތިމާ ޖާނުންފިދާވެދިޔަސް،
މަކަރު، އިޔަހޫދި، އޮޅުވާލުން، މެނޫން އެއްޗެއް ނުއޮންނާނެ“
ޖުމްލަ މާނަ: ތިމާއަށް ޝުކުރުވެރިވާނޭކަމަށްހީކޮށް މީހަކަށްޓަކައި ޖާނުން ފިދާވިޔަސް، މަކަރާއި، ހީލަތާއި، އޮޅުވައިލުންނޫނީ މި ދުނިޔޭގައި ނުވެއެވެ.
ޝަރަހަ: ކިތަންމެ ހެޔޮ ނިޔަތެއްގައި، އަނެކާއަށް ކަމެއްކޮށްދިނަސް، އެ ކަން ބަލައިގަންނަ މީހަކު ނޫޅެއެވެ. އެ ކަމުގެ އަގުވަޒަންކުރާ މީހަކު ނޫޅެއެވެ. އަނެކާއަށްޓަކައި ޖާނާއި މާލުން ޤުރުބާންވެދިޔަސް، އެ މީހެއްގެ ކުރިމަތީގައި، ތިމާގެ އެއްވެސް އަގެއްނޯވެއެވެ. އެންމެ ކުޑަމިނުން ޝުކުރުވެރިވެ ހެޔޮބަހެއް ނުބުނާތަނުގައި، މަކަރުވެރިކަމާއި، ހީލަތާއި، އޮޅުވާލުން ފިޔަވައި އެހެން އެއްޗެއްނުވެއެވެ.
ކޮންމެކަމެއްގައި ވެސް، މަކަރުވެރިކަން އިސްކޮށް، ހީލަތްހަދައި ދެރައެއްދެވޭތޯ ބަލައެވެ. ކަންކަން އޮޅުވާލައި އަނދަވަޅަގަނޑަކަށް ވައްޓައިލެވޭތޯ ބަލައެވެ. އެންމެ ކައިރީގައި އުޅެފައި ވެސް، ހީވެސް ނުކުރާހައިވަރުގެ ބޮޑެތި ލަނޑުތައްދެވޭތޯ ބަލައެވެ. ކާންދޭ އަތުގައި ދަތްއަޅައި ހަރާންކޯރުވެދެއެވެ. އާދޭހެވެ. ބަކަރިއަށް ވެސް ގޮވިކަލޭގެ އެނގެއެވެ. އެހެނެއްކަމަކު، ގިނަ މީހުންގެ ހާލަތު އެއަށްވުރެ ވެސް ދަށެވެ.
ގިނަ މީހުންގެ ހާލަކީ، ކިތަންމެ ހެޔޮކޮށް، އެ މީހަކާ ދޭތެރޭ ކަންތައްކޮށްދިނަސް، މަކަރުހަދައި އޮޅުވާލައިފައި ފިލައިގެން ރައްކާވުމެވެ. މި ދުނިޔެއަށް ނަޒަރު ހިންގާލައިފިނަމަ، ލަނޑުދީފައި ފިލައިގެންދިޔައީ ކިތައް ލޯބިވެރިންތޯއެވެ. މައިބަފައިންނަށް ހަރާންކޯރުވެފައި، މައިންބަފައިން ދޫކޮށްލާފައި ދިޔައީ ކިތައް ދަރިންތޯއެވެ. ރަޙުމަތްތެރިންނަށް ބޭރަޙުމުކޮށް، ގުޅުންކަނޑައިލީ ކިތައް މިހުންތޯއެވެ. މިއީ ދުނިޔޭގެ އާދައެވެ.
(ނުނިމޭ )

