ވަން އެންޑް އޮންލީ ރީތި ރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ދިޔަފަހުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން ހެދި ކޮންޓެކްޓު ޓްރޭސިންގައި ފާހަގަވީ ދެ ދިވެއްސެއް ދިރިއުޅޭ ގެއެއް މޮނީޓާރ ކުރަން ފަށައިފިއެވެ. އެއީ ފެލައިނީ އައި ޑައިރެކްޓު ކޮންޓެކްޓުވީ މީހުންނެވެ. އަދި ދެ ގޭގައި ވެސް ފެލައިނީއާއި ކޮންޓެކްޓުވީ ބަޔަކު އެބަތިއްބެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، ރާއްޖެ އައިސްފައިވަނީ މާޗު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އޭނާ ރީތިރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު ޗައިނާއަށް ފުރާފައިވަނީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ފެލައިނީ ވައިރަހަށް ޕޮޒިޓިވްވީކަން ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއީ މާޗް މަހުގެ 20 ވަނަ ދުވަހެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފެލައިނީ ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި ކޮންޓެކްޓުވީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު އޭނާގެ ކްލޯޒް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވުނު ދެ މީހަކު އެކަހެރިކޮށްފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ފެލައިނީއާއި ކޮންޓެކްޓްވި ފަރާތްތެއްކަމުގައި ވާނަމަ އެކަން ނުފޮރުވާ ވީހާވެސް އަވަހަށް އެޗްޕީއޭގެ ހޮޓްލައިން 1676 އަށް އަމިއްލައަށް އެންގުމަށް އެދޭކަމަށެވެ. އަދި އެއީ އޭނާއާ ސަލާމްކުރި މީހެއް ކަމުގައި ވިޔަސް އެކަން އެނގުމަށް ވަނީ އެދިފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫލް ވިދާޅުވީ، ކޮލޯޒް ކޮންޓެކްޓުވީ ދެ މީހުން ދިރިއުޅޭ މާލޭގެ ދެ އިމާރާތެއް ލޮކްޑައުންކޮށް ވައިރަސްއަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ދެ ގެ ވެސް ލޮކްޑައުންކޮށް ގެއަށް ވަނުމާއި ނިކުތުން ވަނީ މަނާކޮށްފައެވެ. މަބްރޫކް ވިދާޅުވި އެ ގޭގައި ތިބި މީހުންގެ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން ގެ މޮނީޓާރ ކުރަމުންދާނެ ކަމަށެވެ.
ފެލައިނީއާ ކޮންޓެކްޓްވި ދެ ދިވެއްސަކު ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ވެސް ވަނީ އެކަހެރިކޮށްފަ އެވެ. އެމީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.
ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ވަނީ ބަލިން ރަނގަޅުވެފަ އެވެ.
އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

