މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯޏާވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ޗައިނާ ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި އަދި ދިވެހި ސަރުކާރުން އެދިފައިވާ އެހީގެ ތަކެތި ރާއްޖެއަށް ގެނައުން ލަސްވަމުން ދަނީ ތަކެތި ގެންނާނެ އެކަށީގެންވާ ރޫޓެއް ނެތުމުން ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ދިނުމަށް ނިންމާފައިވާ އެހީއާއި ގުޅޭ ގޮތުން ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން އެހީއަށް ބޭނުންވި ވަގުތު ދިވެހިން އެހީވެ ދިންކަމަށާއި، ދިވެހިންނަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެހީގެ ތަކެތި ފޮނުވުމަށް މިހާރު ތައްޔާރުވެފައިވާކަމަށާއި، އެހެންނަމަވެސް ފޮނުވާނެ ފްލައިޓެއް ބަލަމުންދާކަމަށެވެ.
ރާއްޖެއާއި ޗައިނާ އާ ދެމެދު ވައިގެ ދަތުރުފަތުރު ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، ބައިނަލްއަޤްވާމީ ގިނަ އެހެން ފްލައިޓްތައްވެސް މެދުކަނޑާލާފައިވުމުން ރާއްޖެއަށް ޗައިނާއިން މުދަލާ މީހުން ގެނައުމަށް ގިނަ ހުރަސްތަކެއް މިހާރު ވަނީ ކުރިމަތިވެފައެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ހުއްޓުމުގެ ސަބަބުން ފްލައިޓްތައް ހޯދުމަށް ދަތިތަކެއް ކުރިމަތިވާނެކަން ދިވެހި ރައްޔިތުން ގަބޫލުކުރާކަމަށެވެ. އެހެންނަމަވެސް އުންމީދަކީ ވީހާވެސް އަވަސް ޗައިނާގެ އެހީ ރާއްޖެއަށް ލިބުން ކަމަށެވެ.

