މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ ކަންކަމަށް ވަމުންދާ އެހީއަށް ސަރުކާރުގެ ފަރާތުން ކިތަންމެ ބޮޑު ނަދަލެއް ދިނަސް ބޭނުންފުޅު ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވަލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކޮވިޑް19 އަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ގާސިމްގެ ވިލާ ގުރޫޕުން ހިންގަމުންދާ ރިސޯޓުތަކުގެ ތެރެއިން ފަން އައިލެންޑް، ހޮލިޑޭ އައިލެންޑް ރިސޯޓްގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓް ވަނީ ކަރަންޓީ ފެސިލިޓީއަށް ސަރުކާރާ ހަވާލުކޮށްފައެވެ. އަދި އަގެއްގެ ގޮތުގައި ކޮންމެ ރިސޯޓެއްގެ ރޫމަކަށް 750ރ ދިނުމަށް ސަރުކާރުން ހުށަހެޅި ނަމަވެސް ގާސިމް ވަނީ އެ އެހީ ބޭނުންފުޅު ނުވާކަމަށް ވިދާޅުވެފައެވެ.
އެގޮތުން ސަރުކާރުގެ ހުށަހެޅުމަށް އިންކާރު ކުރައްވާ ގާސިމް ވިދާޅުވީ އެމަނިކުފާންގެ ވިލާ ގުރޫޕުން ހިންގަމުން ގެންދާ ރިސޓޫތަކުގެ ތެރެއިން ތިން ރަށް ސަރުކާރާ ހަވާލުކުރީ އެ ރިސޯޓްތަކުގައިވާ ހުރިހާ ތަކެއްޗެއް ހުސްވަންދެން ބޭނުން ކުރުމުގެ ހުއްދައާއެކު ކަމަށެވެ. ގާސިމް ވިދާޅުވީ ކޮވިޑް19 ގެ ނުރައްކަލުން ސަލާމަތްވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެހީތެރިވުމަށްޓަކައި އެމަނިކުފާނުގެ ފަރާތުން ދޭ އެއްވެސް އެހީތެރި ކަމަކަށް ބަދަލު ބޭނުންނުވާ ކަމަށެވެ.
ކޮވިޑް19 އާއި ގުޅިގެން ސަރުކާރަށް ދެއްވި އެހީތެރިކަމުގެ ތަފްސީލް ދެއްވަމުން ގާސިމް ވިދާޅުވީ ސަރުކާރުން ބޭނުންވީ 1000 ކޮޓަރި ކަމަށާ ވިލާގެ ތިން ރަށުން 392 ކޮޓަރި ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާންގެ ގާބިލްކަން ހުރި މިންވަރަކުން ކޮވިޑް19 އިން ދިވެހި ގައުމު ސަލާމަތް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ދޭން ޖެހުނު ކޮންމެ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.
މީގެއިގުރުން ގާސިމްގެ ވިލާ ގުރޫޕްގެ ދަށުން ހިންގަމުން ގެންދާ އެކިއެކި ވިޔަފާރިތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައިވާތީ އެކަމާއި ގުޅިގެން އެކިއެކި ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުމަށް ވެސް ގާސިމް ވަނީ ޖަވާބްދާރީ ވެވަޑައިގެންފައެވެ. އެގޮތުން ގާސިމް ވިދާޅުވީ މުވައްޒިފުންގެ މުސާރަ ކުޑަކުރީ އެއްވެސް ބޭންކަކުން ލޯނެއް ނުލިބުމުން ކަމަށާއި ނަމަވެސް ސަރުކާރުން ވިޔަފާރިތަކަށް ލޯން ފެސިލިޓީއެއް ހަމަޖައްސައިދެއްވާނެކަން އިއުލާނު ކުރެއްވުމުން 10،000ރ އިން ފެށިގެން ދަށުގެ މުސާރަ ލިބޭ އެއްވެސް މުވައްޒިފެއްގެ މުސާރަ ކުޑަނުކުރުމަށް މިހާރު ނިންމާފައިވާނެ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ވިޔަފާރިވެރިންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ނުދެއްކުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.
ގާސިމް ވިދާޅުވީ ލޯނެއް ހޯދައިގެން ވިޔަސް މުވައްޒިފަކަށް ދެރައެއް ނުލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

