މޯބައިލް ނަންބަރު ހިއްސާކޮށްފައިވާ ކަސްޓަމަރުންނަށް ކަރަންޓް ބިލް ޕްރިންޓްކޮށްފައި ދިނުމުގެ ބަދަލުގައި ބިލު އެސްއެމްއެސް މެދުވެރިކޮށް ފޮނުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައިފި އެވެ.
ސްޓެލްކޯ އިން ބުނެފައިވަނީ މި ގޮތަށް ނިންމާފައިވަނީ ކޮރޯނާ ވައިރަސް އާ ގުޅިގެން މުވައްޒަފުންނާއި ކަސްޓަމަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ. އެގޮތުން ކުންފުނީގެ މޯބައިލް އެޕާއި އަދި ކަސްޓަމަރުންގެ ތެރެއިން މޯބައިލް ނަމްބަރު ދީފައިވާ ފަރާތްތަކަށް ކަރަންޓްބިލް ފޮނުވާނީ އެސްއެމްއެސްއެއްގެ ޒަރިއްޔާއިން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މޯބައިލް ނަންބަރު ހިއްސާކޮށްފައިނުވާ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާނީ ޕްރިންޓް ކޮށްފައިވާ ކަރަންޓް ބިލެވެ.
މީގެ އިތުރުން މިއަދުން ފެށިގެން ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުން މޯބައިލް އެޕް ފޯނަށް ޑައުންލޯޑްކޮށް އެ އެޕް މެދުވެރިކޮށް ކަރަންޓްބިލްތައް ދެއްކުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ. ވައިރަސް އާއި ގުޅިގެން އެކި އެކި ކުންފުނިތަކުން ދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅާ ބިލް ޕޭ ކުރާ ފަރާތްތަކުން އޮންލައިންކޮށް ޕޭ ކުރުމަށް ކުންފުނިން ތަކުން ވަނީ އެދިފަ އެވެ.

