ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަކުރާ ކޭސް ނެގެޓިވް: އެއާޕޯޓުން ގިނަ މުވައްޒަފުން އެކަހެރި ކުރީ ވަގުތު ދުއްވާނުލަން، އެންމެން ދޫކޮށްލަނީ!

ހަކުރާ ކޭސް ނެގެޓިވް: އެއާޕޯޓުން ގިނަ މުވައްޒަފުން އެކަހެރި ކުރީ ވަގުތު ދުއްވާނުލަން، އެންމެން ދޫކޮށްލަނީ! - ފޮޓޯ: ރައީސް އޮފީސް/ ވީއައިއޭ އާ ރަންވޭ ހުޅުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްއިން އެކަހެރިކޮށް ސާމްޕަލް ނެގި ބިދޭސީ މީހާގެ ނަތީޖާ ނެގެޓިވްވެފައިވާތީ އޭނާއާ ކޮންޓެކްޓްވެގެން އެކަހެރިކުރި އެއާޕޯޓްގެ މުވައްޒަފުން އައިސޮލޭޝަނުން ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވައިރަސްއާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިޥާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި އެ ފަތުރުވެރިޔާ އެކަހެރިކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އޭނާގެ ނަތީޖާތައް ވަނީ ނެގެޓިވް ވެފައެވެ. ނަމަވެސް އަމަލު ކުރަމުންދާ އުސޫލުގެ ދަށުން 24 ގަޑިއިރަށްފަހު އޭނާގެ އިތުރު ޓެެސްޓެއް ހަދާނެއެވެ.

މަބްރޫކް ވިދާޅުވީ ބިދޭސީ މީހާއާއި ކޮންޓެކްޓުވެގެން ބައެއް މީހުން އެކަހެރިކޮށްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ. އެ ކޭސްއާއި ގުޅިގެން އެމްއޭސީއެލްގެ 41 ސްޓާފަކާއި، ކަސްޓަމްސްގެ 17 ސްޓާފަކާއި، އިމިގްރޭޝަންގެ އެއް މުވައްޒަފުގެ އިތުރުން ޓީއެމްއޭގެ ތިން ކްރޫއެއް އައިސޮލޭޓު ކުރިއެވެ.

ބިދޭސީ މީހާއާއި ގުޅޭގޮތުން މަބްރޫކް ވިދާޅުވީ، ޝައްކުވާ މީހާއާއި ސުވާލު ކުރުމުން ރާއްޖެއައި އިރުވެސް ކޮންމެވެސް ވަރަކަށް ރޯގާގެ އަސަރު ހުރިކަމަށް ބުނި ކަމަށެވެ. އެހެންކަމުން ސީސީޓީވީތައް ބަލާ، ފަތުރުވެރިއާގެ ލަޖެތުތައް ނެގީ ކާކުތޯ ހޯދުމަށް ވަގުތުތަކެއް ހޭދަވާނެތީ އޭނާ ރާއްޖެއަށް އެތެރެވީއިރު އެއާޕޯޓުގެ އެގަޑީގެ ޝިފްޓު އެންމެން އައިސޮލޭޓުވުމަށް އެންގީ ކަމަށެވެ. އަދި އެ މީހުން އެކަހެރިވެ ގޭގައި މަޑުކޮށް އެއްވެސް ކަމެއް ފާހަގަކުރެވޭނަމަ ރިޕޯޓުކުރުމަށް އެންގި ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މި ކޭސް ނަގާފައިވަނީ ސީރިއަސްކޮށް ކަމަށާއި އެއާޕޯޓުން އެހާ ގިނަ އަދަދެއްގެ މުވައްޒަފުން އައިސޮލޭޓު ކުރީ ކޮލޯޒް ކޮންޓެކްޓުން ހޯދުމުގައި ވަގުތުތައް ދުއްވާނުލުމަށް ކަމަށެވެ. ޝައްކުވީ މީޙާގެ ނަތީޖާތައް ނެގެޓިވްވެފައިވުމާއި ގުޅިގެން އައިސޮލޭޝަންއިން ދޫކޮށްލި މުވައްޒަފުން އަލުން ވަޒީފާއަށް ނިކުތުމަށް އަންގާފައިވާނެކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ާރާއްޖޭގައި ފުރަތަމަ ފަހަރަށް އާއްމު ސިއްހީ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ގެއިން ނިކުމެ ނޫޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ބަލިން ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން ދެ މީހަކު ރަނގަޅުވީކަން އިއުލާނުކޮށްފައިވަނީ މިއަދުގެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: