މާލެ އަދި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ”މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމް.އެމް.ސީ.ޕީ)“ ގެ ދަށުން މިއަދު ހާއްސަ އޮޕަރޭޝަނެއް ހިންގައި، ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ މާލޭގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އިމިގްރޭޝަންގެ ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއަދު ކުރިއަށްދިޔަ މި ބަލައި ފާސްކުރުމުގެ ތެރޭގައި މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 49 ބިދޭސީއަކާ ސުވާލުކޮށް، އެމީހުންގެ ލިޔެކިޔުންތައް ވަނީ ބަލައި ފާސްކޮށްފައެވެ.
އިމިގްރޭޝަނުން މީސްމީޑިއާ މަންސަ ’އެކްސް’ގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މިއަދުގެ އޮޕަރޭޝަނުގައި ބަލައި ފާސްކުރި މީހުންގެ ތެރެއިން އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 5 ބިދޭސީއަކު ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މި މަސައްކަތުގެ ދަށުން، މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ގިނަ އަދަދެއްގެ ރެއިޑް އޮޕަރޭޝަންތައް ވަނީ ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ ބިދޭސީން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކޮށް، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ އަމަންއަމާންކަން ގާއިމުކުރުމަށެވެ.

