ބިދޭސީއަކު ބުޅާމަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކި ކަމަށް ތުހުމަތުކުރާ މައްސަލާގައި ހައްޔަރު ކުރި މީހާއަކީ ޖިނާއީ ކުށަކަށް ތުހުމަތުވާ ފަރާތެއް ކަމުން، އޭނާ ފުރުވާލެވޭނީ މިކަމާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގު ނިމުމުން ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ހިއްސާކުރި މެސެޖެއްގައި ބުނީ މިވަގުތު އިމިގްރޭޝަންގެ ބެލުމުގެ ދަށުގައިވާ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަރަފާތު ހޮސައިންއަކީ ޖިނާއީ ކުށަކަށް ތުހުމަތުވާ ފަރާތެއް ކަމަށެވެ.
އޭނާ ފުރުވާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް އިމިގްރޭޝަނުން ބުނީ އަރަފާތު ފުރުވާލެވޭނީ ފުލުހުންގެ ތަހުގީގު ނިމުމުން ކަމަށެވެ.
އެ މައްސަލާގައި މިހާތަނަށް އަދި އެކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެފައިވާއިރު އެކަމާ ގުޅޭ ތަހުލީލުތައް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޭގެ ފަހުން އަރަފާތު ދިރިއުޅޭ ތަނުނުް ފެނުނު ތަކެތީގެ ސާމްޕަލް ނަގައިފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފަހުން ދީފައި ނުވާއިރު އެ ތަހުލީލުތަކުގެ ނަތީޖާ ވެސް މިހާތަނަށް ހިއްސާ ކޮށްފައެއް ނުވެއެވެ.
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރިކަމުގެ ތުހުމަތުގައި އަރްފަތު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ ސެލޫންއެއްގައި ހުއްޓާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އޭނާ ސެލޫނަށް ގޮސްފައިވަނީ ސިފަ ބަދަލު ކުރަން ކަމަށް ތުހުމަތު ކޮށްފައެވެ.

