މއ. އުދުހޭކޮކާގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އައިޖީއެމްއެޗްގެ ޑަޔަލަސިސް ޑިޕާޓްމެންޓުގައި މަސައްކަތްކުރަމުން ދިޔަ ނަަރުސް މޭރީ ގްރޭސް ޕިނެޑާ މަރާލީ، އޭނާގެ ފިރިމީހާ މާވިން ވާގަސް އާއި މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ހީލަތްތެރި ރޭވުމަކުންކަން ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މޭރީ މަރުވީ 19 އޮކްޓޯބަރު 2021 ވަނަ ދުވަހު، އެ ދެމަފިރިން ދިރިއުޅުނު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި އަމިއްލައަށް ދަންޖެހިގެން ކަމަށް މާވިން ބުނި ނަމަވެސް، އެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފެށިއެވެ. މޭރީ މަރާލާފައިވަނީ މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާއާ ގުޅިގެން ކަމަށް ތަހުގީގުން ހޯދުނުއިރު، ޝަފަހީ 74 ހެއްކާއި 36 ކިތާބީ ހެއްކާއެކު ދައުލަތުން އެ މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލިއެވެ.
މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލި އިރު، ލަމްހާގެ މައްޗަށް ވަނީ، އެ ކުށުގައި ބައިވެރިވުމުގެ ދައުވާ އުފުލައިފައެވެ. އޭގެ އިތުރުން، އައިޖީއެމްއެޗުން ކޮންޓްރޯލުކޮށްގެން ނޫނީ ދޫނުކުރާ ބާރުގަދަ ބޭސްތަކާއި އިންޖެކްޝަނެއް ލަމްހާގެ ގެއިން ފެނުނު މައްސަލައިގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލާފައިވެއެވެ.
މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވަނީ މާވިންގެ މައްޗަށް މޭރީ މަރާލުމުގެ ކުށް އަދި ލަމްހާގެ މައްޗަށް އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިފައެވެ.
ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ގަސްތު މަރުގެ މައްސަލަތަކުގައި ސާބިތުވާންޖެހޭ ތިން ރުކުނަކީ މަރުވި ފަރާތަކީ ލޭގެ ރައްކާތެރިކަން ލިބިހުރި ދިރިހުރި ފަރާތެއް ކަމާއި، އޭނާ މަރުވީ ތުހުމަތުކުރެވޭ ފަރާތުގެ އަމަލަކުން ކަމާއި، ތުހުމަތު ކުރެވޭ ފަރާތުގެ ނިޔަތް އެކަމުގައި އޮތް ކަމެވެ.
ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަމިއްލަ ނަފްސަށް ގެއްލުންދީ، ކުޑަދޮރުގައި ބެޑްޝީޓު އަޅުވައިގެން މޭރީ ދަންޖެހުނު ކަމަށް މާވިން ބުނި ނަމަވެސް، އޭނާ ދަންޖެހިގެން މަރުވި ކަމަށް ބެލެވޭ އެއްވެސް ނިޝާނެއް ނެތް ކަމަށް ހަށިގަނޑު ބެލި ނަރުހުންނާއި ޑޮކްޓަރުން ވެސް ހެކިބަސް ދީފައިވެއެވެ. އެގޮތުން، މޭރީގެ މަރުގެ ހަބަރު ލިބުމާއެކު ސީނަށް ދިޔަ ޕެރަމެޑިކުން ވެސް ހެކިބަސް ދެމުން ބުނެފައިވަނީ، މޭރީގެ ހަށިގަނޑު ހުރީ އާދަޔާ ހިލާފަށް ފިނިވެފައި ކަމަށެވެ. އަދި ދަންޖެހިފައި ހުރިކަމުގެ ނިޝާނެއް ނެތް ކަމަށެވެ.
މޭރީ ހުރީ ދަންޖެހޭ މީހުންނާ ހިލާފަށް ނޫވެފައި ކަމަށް ޑޮކްޓަރުން ހެކިބަސް ދެމުން ބުނެފައިވާއިރު، ނޫވެފައި ތިބެނީ ނޭވާހާސްވުމުން މަރުވާ މީހުންކަން އެ މީހުންގެ ހެކިބަހުގައި ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، ތުންފަތުގައި އެބްރޭޝަންތަކެއް އަދި ލޮލުގައި ގަނޑު ލޭ ހުރި ކަމާއި އެއީ އަނގަމަތީ އެއްޗެއް އަޅައި ފިތުމުން ވާނެ ގޮތެއް ކަމަށް ފޮރެންސިކް ޑޮކްޓަރު ހެކިބަސް ދީފައިވާކަން ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، މޭރީގެ ޕޯސްޓްމޯޓަމް ހެދި އިރު ކަރު ކަފައިގެން ބެލި އިރު، ކަރުގެ ކަށިކޮޅެއް ބިނދިފައި ހުރުމުން އޭނާގެ ކަރަށް ފިތާފައި ހުރިކަން އެނގޭ ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، މޭރީގެ ހަށިގަނޑާއި މާވިން ވެސް ތެމިފައި ހުރި އިރު، ދެ މީހުން ތެމެންޖެހޭ އެއްވެސް ސަބަބެއް މާވިންއަށް ބުނެނުދެވޭކަން ފާހަގަކޮށްފައިވެއެވެ. އަދި މާވިންގެ އަތުގައި ވަކި އަޅާފައި ހުރިކަން ނަރުހުންގެ ހެކިބަހުން އެނގޭކަން ފާހަގަކޮށްފައިވެއެވެ. މޭރީ މަރުވީ ދަންޖެހިގެން ކަމަށް މާވިން ބުނާއިރު، އޭނާގެ މައުސޫމްކަން ދެއްކުމަށް އިތުރު ވާހަކައެއް މާވިން ނުދައްކާކަން ފާހަގަކޮށް ހުކުމުގައި ބުނެފައިވަނީ މޭރީ މަރުވީ މާވިންގެ އަމަލަކުން ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.
އެގޮތުން، ޗޯކް ހޯލްޑް ޕޮޒިޝަންގައި މީހަކު ބަހައްޓާނެ ގޮތުގެ ފޮޓޯތައް އެ ދުވަހު މާވިން އޭނާގެ ފޯނުން ބަލާފައިވާއިރު، އޭނާ އެ ފޮޓޯތައް ބަލަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތްކަން ހުކުމުގައި ފާހަގަކޮށްފައި ވެއެވެ.
ހާދިސާ ހިނގި ދުވަހު މޭރީ ޑިއުޓީއަށް ގޮސްފައި ގެއަށް އަނބުރާ އައީ ހެނދުނު 10:50 ހާއިރެވެ. އޭނާ މަރުވެގެން އެކަން މާވިން ރިޕޯޓު ކުރީ 12:50 ހާއިރުއެވެ. އެ ދެމެދުގައި މޭރީއާއެކު ގޭގައި މާވިން ހުރިކަމާއި، މާވިން އާއި ލަމްހާގެ ދަރިފުޅާއެކު އެ ގެއަށް 12:27 ލަމްހާ ގޮސް 20 މިނެޓު ހޭދަކުރިކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
މޭރީ އާއި މާވިންގެ ދަރިފުޅު ގޮވައިގެން ދަރިފުޅު ހަވާލުކުރަން ލަމްހާ އެ ދުވަހު އެ ގެއަށް ދިޔަ ކަމަށް ބުނި ނަމަވެސް، ދަރިފުޅު ގެނައީ ކާކު ކަމެއް ހަނދާން ނެތް ކަމަށް މާވިން ބުނެފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މާވިން ބުނާ ބުނުމަކީ ދޮގުކަން ސީސީޓީވީ ފޫޓޭޖުން އެނގޭއިރު، މަރުގެ ހަގީގަތް ފޮރުވަން ދެ މީހުން މަސައްކަތް ކުރާކަން ހާމަވާ ކަމަށް ހުކުމުގައިވެއެވެ.
އެހެން މީހަކަށް އޭނާ މަރާލުމުގެ ފުރުސަތު ނެތް ކަމަށް ގަބޫލުކުރެވޭ ހާލަތުގައި، ގާތިލަކީ އެ މީހާއާއެކު އެންމެ ފަހުން ހުރި މީހާ ކަމަށް ބެލެވޭ ގާނޫނީ ނަޒަރިއްޔާއިން ބަލާއިރު، މޭރީ މަރާލީ މާވިން ކަމާއި އެކަމުގައި ލަމްހާގެ ބައިވެރިވުން އޮތް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ހުކުމުގައި ފާހަގަކޮށްފައިވަނީ، މޭރީ ދަންޖެހިފައި ހުރިކަމުގެ ނިޝާނެއް އެއްވެސް ޑޮކްޓަރަކަށް ނުފެންނަނީ އޭނާ މަރާލާފައިވާތީ ކަމަށެވެ. އަދި އޭނާ މަރާލާފައިވަނީ ނޭވާ ހާސްކޮށްގެން އަދި ބޮލަށް ދިން އަނިޔާތަކުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭއިރު، އޭނާ މަރާލީ އެ ވަގުތު އެ ގޭގައި ތިބި ބަޔަކު ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ހުކުމުގައި ވެއެވެ.
ހުކުމުގައި ބުނެފައިވަނީ، މޭރީ މަރުވީ ކަމަށް ދައްކަން ”ހީލަތްތެރި ރޭވުމެއް“ ރާވާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އޭނާ މަރުވީ ކަމަށް ދައްކަން ހަދާފައިވަނީ ”ރޯ ބުހުތާނު“ ދޮގެއްކަމަށް ގަބޫލުކުރާ ކަމަށާއި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެކަން ސާބިތުވާ ކަމަށް ހުކުމުގައިވެއެވެ. އަދި މޭރީ މަރުވީ މާވިންގެ އަމަލަކުން ކަމާއި އެކަމުގައި ލަމްހާގެ ބައިވެރިވުން އޮތް ކަމަށް ހެކިތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެއެވެ.
ނިޔަތަކީ ކޮންމެ ހާލެއްގައި ވެސް އެކުގައި އުޅުން!
މާވިން އާއި ލަމްހާގެ ގުޅުމަށް މޭރީ ދެކޮޅުއިރު، ފިލިޕީންސްގެ ގާނޫނު އޮންނަ ގޮތުން ވަރިކުރުމުގެ ފުރުސަތު ނޯންކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި މާވިން އާއި ލަމްހާގެ މެސެޖުތަކުން ވެސް އެ ދެ މީހުން ކައިވެނިކުރަން ބޭނުންވިކަމާއި އެކަމަށް އޮތް ހުރަހަކީ މޭރީކަން އެނގޭކަމަށް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، އެ މެސެޖުތަކުގައި ކައިވެނިކުރަން ބޭނުންވާ ލިޔުންތަކުގެ ތެރޭގައި ”ޑެތު ސެޓިފިކެޓު އޮފް ދަ އެކްސް“ ބޭނުންވާކަމަށް ބުނެފައިވާކަން ހުކުމުގައި ފާހަގަކުރިއެވެ. އެހެންކަމުން، އެ ދެ މީހުންގެ ވާހަކަތަކުންނާއި، މީހަކު މަރާނެ ގޮތް ފޯނުން ހޯދި ހޯދުމަށް ބަލާއިރު ވެސް ގަސްތުގައި މަރާލުމުގެ ނިޔަތް އޮތް ކަމަށް ހުކުމުގައި ވެއެވެ.
އޭގެ އިތުރުން، މާވިން އާއި ލަމްހާއާ ދެމެދު ކައިވެނީގެ ބޭރުން ގުޅުމެއް އޮތްކަން މޭރީއަށް އެނގި މޭރީއާ ދެމެދު ދެބަސްވުންތަކެއް ހިނގިކަން މާވިން އާއި ލަމްހާގެ ބަޔާންތަކުން ވެސް އެނގޭކަމަށް ހުކުމުގައިވެއެވެ. އަދި އެ ދެ މީހުންގެ ގުޅުމަށް އޮތް ހުރަހަކީ މޭރީކަން ހެކިތަކުން ސާބިތުވާ ކަމަށް ހުކުމުގައި ވެއެވެ. އަދި ދެ މީހުންގެ ނިޔަތަކީ ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ވެސް ދެމީހުން އެކުގައި އުޅުން ކަމަށް ޗެޓްލޮގުތަކުން އެނގޭ ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
މޭރީގެ ލޭގެ ސާމްޕަލްތަކުން ވަގުތުކޮޅަކަށް މީހަކު ޕެރަލައިޒްކޮށްލަން ބޭނުންކުރެވިދާނެ ”ސަބްސިނަލްކޯލިން“ ފެނިފައިވާއިރު، ”ސަބްސިނަލްކޯލިން“ ފުޅިއަކާއި އިންޖެކްޝަނެއް ލަމްހާގެ ގެއިން ފެނިފައިވެއެވެ. އޭގެ އިތުރުން އެ އިންޖެކްޝަން ބޭނުންކުރާނެ ގޮތުގެ އިރުޝާދު ލަމްހާ މާވިންއަށް ދީފައިވާކަމާއި ފަހުން އެ މެސެޖު ޑިލީޓުކޮށްފައިވާކަމުން ވެސް އެ މީހުންގެ ނުބައި ނިޔަތާއި ލަމްހާގެ ބައިވެރިވުން އޮތްކަން އެނގޭ ކަމަށް ހުކުމުގައިވެއެވެ.
ލަމްހާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވިއިރު، އޭނާގެ މައްޗަށް ދެން އުފުލި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މި މައްސަލައިގައި އަދަބު ކަނޑައެޅުމަށް އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައިވަނީ ޖުލައި އެއް ވަނަ ދުވަހަށެވެ.

