ކޯވިޑް-19 އަށް ޝައްކުކުރެވޭފަދަ ޢަލާމާތްތަކެއް ފެނުމުން، ރަޝިއާއިން ކަރަންޓީނުކުރި ދިވެހި ތިން ކުދިން ވެސް ނެގެޓިވްވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ރެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާކުރައްވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ، ކުރިން ނަތީޖާ ނުލިބޭ ދަރިވަރުގެ ނަތީޖާ މިހާރު ލިބިއްޖެކަމަށާއި، އެ ދަރިވަރު ވެސް ކޯވިޑް-19 އަށް ނެގެޓިވް ކަމަށެވެ.
މީގެ އިތުރުން، މަބްރޫކް ވިދާޅުވީ، ކުރިން ނަތީޖާލިބިފައިވާ ދެކުދިން މިހާރު ”ޑަބަލް ނެގެޓިވް“ ވެފައިވާކަމަށެވެ.
މި ތިން ކުދިންނަކީ ވެސް ރަޝިއާގައި މަތީ ތަޢުލީމު ހާސިލުކުރަމުން އަންނަ ކުދިންނެވެ. އޭގެތެރެއިން ދެ ކުއްޖެއްގެ ނަތީޖާ ކުރިން ލިބިފައިވީނަމަވެސް، ދެންހުރި ކުއްޖާގެ ނަތީޖާ ލިބުމަށް ވަގުތުތައް ބޭނުންވާކަމަށް ސަރުކާރުން ކުރިންވަނީ ހާމަކޮށްފައެވެ. އެ ތިން ކުދިން ރަޝިއާގައި ކަރަންޓީނުކުރިކަން، ސަރުކާރުން ހާމަކޮށްފައިވަނީ ވޭތުވެދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ކުދިން ފުރަތަމަ ކަރަންޓީނުކުރީ ފަސްދުވަހަށްކަމުގައިވިޔަސް، ހުކުރުދުވަހުވަނީ، އެ ކުދިންގެ ކަރަންޓީނުގެ މުއްދަތު ދިހަ ދުވަހަށް އިތުރުކޮށްފައިކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، ފޮރިން މިނިސްޓްރީއާއި، ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީން، އެ ތިން ކުދިންގެ ހާލު ވެސް ބަލަމުންދާކަމަށެވެ.
މުޅިދުނިޔެ އެ ވައިރަހުގެ ޝިކާރައަކަށްވެފައިވާ، ކޯވިޑް-19 ގެ ޝިކާރައަކަށް، އިއްޔެވަނީ ދިވެއްސަކު ވެސް ޕޮޒިޓިވްވެފައެވެ. މި ދިވެހި މީހާއަކީ،
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން، އިއްޔެ މި ވައިރަހަށް ޕޮޒިޓިވްވި 50 މީހުންގެތެރޭގައި ހިމެނޭ މީހެއްކަމަށް، އެ ޤައުމުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ޕްރިވެންޝަންއިން ހާމަކޮށްފައިވެއެވެ.

