ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި (މީސްލްސް) ޖެހިފައިވާ މީހުންގެ އަދަދު 22 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު މައުލޫމާތު ދިން ގޮތުގައި މިއަހަރުގެ މިހާތަނަށް ހިމަބިއްސަށް 22 މީހުން ފައްސިވިއިރު، އޭގެ ތެރެއިން ދެ މީހުންނަކީ މިދިޔަ ހަފްތާގައި ބައްޔަށް ފައްސިވި މީހުންނެވެ.
ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ހިމެނެއެވެ. މި ބަލި ޖެހިއްޖެނަމަ ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައެވެ. އެއަށްފަހު މޭމަތި، ބުރަކަށި، އަތުގައި އަދި ފައިގައި ބިހިތައް ނަގައެވެ.
އެޗްޕީއޭއިން އިލްތިމާސްކުރަނީ ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށެވެ. އަދި ފަރުވާ ހޯދަންދާއިރު މާސްކު އަޅައިގެން ތިބުމަށާއި، ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށް ވަނީ އަންގާފައެވެ.
މީސަލްސް ނުވަތަ ހިމަބިއްސަކީ އިންތިހާއަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. ބައިނަލްއަގުވާމީ ރިޕޯޓްތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރު ގިނަ ގައުމުތަކެއްގައި މި ބަލި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން، ބަލިން ރައްކާތެރިވުމަށް ޓަކައި ވެކްސިން ފުރިހަމަކުރުމަށާއި، ބަލީގެ އަލާމާތްތަކަށް ސަމާލުވެ، ބަލި ފެތުރުން ހުއްޓުވުމަށް އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރު ވެސް މި ބަލި ޖެހިފައިވާ ބަޔަކު ރާއްޖެއިން ފެނިފައިވެއެވެ.
ހިމަބިހި ވޭދަނައެއް ފެނިއްޖެ ނަމަ، އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން، ބަލި ޖެހުނު ގޮތް ދެނެގަތުމަށް އިންވެސްޓިގޭޝަން ކުރިއަށް ގެންދިއުމާއި ގާތުން އެއްތަންވި މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ. ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުން އަދި މީސްލްސް ވެކްސިންގް ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

