ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: ރާއްޖެއިން އަޅާ ކޮންމެ ފިޔަވަޅެއް ނިންމާނީ ސިއްހީ ތަޖުރިބާކާރުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް، ނުވަތަ ކޮވިޑް-19 އާއި ދެކޮޅަށް ދިވެހި ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ފަހު ބަސް އިއްވާ، ބަސް ބުނާ ހަމައެކަނި ފަރާތަކަށް ވެގެންދާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މި މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ފުރަތަމަ ކޮރޯނާ ވައިރަހުގެ ކޭސްއެއް ފެނިފައިވަނީ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ރިސޯޓަކުންނެވެ. ވައިރަސް ޗައިނާގައި ފެތުރެން ފެށުމާއި އެކު އަޅަމުން އައި ތަފާތު އެކި ފިޔަވަޅުތަކުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވިގެން ދިޔައެވެ. އަދި އެއަށްފަހު ފިޔަވަޅުތައް ވަރުގަދަ ކުރެވެމުން ދިޔައެވެ.

މިއަދާއި ހަމައަށް ދިވެހިރާއްޖެއިން ކޮރޯނާ ވައިރަސްގެ 13 ކޭސްއެއް ފެނުނުއިރު މިހާތަނަށް އެ ބައްޔަށް ފަރުވާދިން މީހުންގެ ތެރެއިން 7 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ވައިރަސްގެ ކޭސްއެއް ވެސް ރާއްޖެއިން ނުފެންނަތާ ދިހަ ދުވަސް ވީއެވެ.

އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖެފަދަ ނާޒުކު ގައުމަކުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް ވަރުގަދަވާން ޖެހޭނެއެވެ. ސަބަބަކީ، މި ދިވެހިރާއްޖެއަކީ ތަރައްގީގެ ރޮނގުން މަޑުމަޑުން ކުރިއަރަމުން އަންނަ އަދި އިގްތިސޯދުވެސް ކުރިއަރަމުން އަންނަ ގައުމަކަށް ވީ ތީއެވެ. އެހެން ގައުމުތައް ފަދައިން އާމްދަނީއެއް ވަންނާނެ މާ ބޮޑު ވަސީލަތްތަކެއް ނެތެވެ.

ސަރުކާރުން އެކަމަށް ވިސްނައިގެން އަޅަމުން އައި ހަރުދަނާ ފިޔަވަޅުތަކަށް ސޯޝަލް މީޑިއާގައި އާއްމުން ވަނީ ތައުރީފްކޮށްފައެވެ. މި ބަލިމަޑުކަމުން އަަރައިގަތުމުގައި ސަރުކާރުގެ ހުރި ވިސްނުން ރައީސް މިއަދު ރައްޔިތުންނަށް ހާމަކޮށްދެއްވިއެވެ. ދިމާވެފައިވާ މި ހާލަތުގެ ސަބަބުން ރައްޔިތުންނަށް ވާނެ ގެއްލުންތައް ދެނެގަނެ އެކަންކަން ދަނީ ކުރެވެމުންނެވެ.

ސަރުކާރުން އަޅަމުން އައި ފިޔަވަޅުތަކުގެ ދަށުން އެކި ގައުމުތަކުން ރާއްޖެއަށް އެތެރެވުމާއި، އަދި ޓްރެވެލް ހިސްޓްރީއަށް ބަލާ ރާއްޖެއަށް ނުވަދެވޭގޮތް ހެދުން ފަދަ އުސޫލުތައް ހިމެނެއެވެ. ވައިރަސްއާއި ގުޅިގެން ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކާއި ގުޅޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއި އެކު ދިޔަވަޅުތައް އަޅަމުން ގެންދެވީ ސިއްހީ ދާއިރާގެ ބޭފުޅުންގެ ލަފައާއި އިރުޝާދުގެ މަތީން ކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، މި ވައިރަސްގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާއި އަދި ރާއްޖެއިން ވައިރަސް ފެނިއްޖެ ހާލަތެއްގެ އަމަލު ކުރާނެ އުސޫލާއި ގުޅޭގޮތުން ރިޕޯޓުތަކެއް ތައްޔާރު ކުރެވުނު ކަމަށެވެ. ރާއްޖެއަށް އަަސަރުކުރާނެ މިންވަރު ދައްކަވައިދޭ އެ ރިޕޯޓު އެކުލަވާލައި މިހާތަނަށް ތިން ފަހަރެއްގެ މަތީން ރެވައިޒް ކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ޗައިނާގައި މި ބަލި ފެތުރެން ފެށުމާއެކު، ޖެނުއަރީ 6 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން، އަދި ޙާލަތާ ގުޅޭގޮތުން ކަންކަން ބަދަލުކުރަމުން މިއަންނަނީ، ޞިއްޙީ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް. މިކަމުގައި އަޅުގަނޑު ދެކޭގޮތުގައި، އެންމެ އިސް ބަސްވެސް، އަދި އެންމެފަހު ބަސްވެސް ބުނާނީ، ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން. ސަރުކާރުން ކުރާ ކަމަކީ، އެ ބޭފުޅުންގެ އިރުޝާދުތައް ތަންފީޒު ކުރުމަށް މަގުފަހިކޮށްދިނުން.“ ރައީސް ސޯލިހް

ދިވެހި ރައްޔިތުން ސިއްހީ ދާއިރާގެ ބޭފުޅުން ދެއްވާ އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސްކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މި މަސައްކަތުގައި އެކުލަވާލާފައިވާ ޓާސްކްފޯސް ރެއާ ދުވާލު މަސައްކަތް ކުރަވަމުން ގެންދަވަނީ ގައުމުގެ ހައްގުގައި ކަމަށެވެ. އަދި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ދެން ގައުމަށްކޮށްދެވޭނީ މި ބަލީން ސަލާމާތްވުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ގަބޫލުކޮށްގެން ކަމަށެވެ. މިއީ ދަތި އުނދަގޫ ދުވަސްތަކެއް ކަމާއި އަދި އާއްމު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވަނީ ކެތްތެރިވުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް ސޯލިހް ބައިވެރިވެވަޑައިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރައީސް ސޯލިހް ވިދާޅުވީ މިއީ އެތައް ބައެއްގެ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅުތަކެއް ކަމަށާއި ހާލަތާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުރައް ކުރިއަަށް އޮތްތަނުގައި ވެސް ވަރުގަދަ ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އެހެން ކަމުން، ފަރުދީ ޒިންމާ އަދާކޮށް ހުރިހާ ރައްޔިތުން ވެސް ގޭގައި ތިއްބެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

”އެހެންވީމާ، އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންނަށްވެސް ދަންނަވަން އޮތީ، މިއަދު ތިޔަބޭފުޅުންވެސް ޢަމަލުކުރައްވަންވީ، ޞިއްޙީ ތަޖުރިބާކާރުން އެ ދެއްވާ އިރުޝާދުތަކާއި ލަފަޔާ އެއްގޮތަށޭ. އެ ބޭފުޅުން އެ މަސައްކަތް ކުރައްވަނީ ތިޔަބޭފުޅުންނަށްޓަކައި. ތިޔަބޭފުޅުން ކޮށްދެއްވަންވީ ކަމަކީ، ބޭރަށް ނުކުމެވަޑައިނުގެން ގޭގައި މަޑުކޮށްދެއްވުން.“

ކުރިޔަށް އޮތީ، ބަރަކާތްތެރި ރަމަޟާން މަސްކަމުގައިވާއިރު އެކަމަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހް ވިދާޅުވީ ރޯދަމަހަށް ހާއްސަކޮށް ސަރުކާރުން ކަންކަން ފަހިކޮށްދެއްވުމުގެ ދަނޑުވެރިން ހައްދާ ބާވަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ފަސޭހަ މަގުތައް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.

އެ ގޮތުގެ މަތީން ދަނޑުވެރިން އުފައްދާތަކެތި އެސްޓީއޯ މެދުވެރިކޮށް، ހަލާކުނުވެ ތާޒާކަންމަތީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓްރޭޑިންގ ޕްލެޓްފޯމެއް ގާއިމްކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މިހާރުވެސް ކާޑުގެ ބާވަތްތައް ރާއްޖެއަށް ބޭނުންވާ މިންވަރަށް ހުރިކަން ފާހަގަކުރައްވާ ވިދާޅުވީ އެސްޓީއޯއިން މިހާރު މަސައްކަތް ކުރަމުން ދަނީ 10 މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު، އަދި 5 މަސް ދުވަހަށްވާ ވަރަށް ފުށުގެ ސްޓޮކެއް، އަންނަ އޭޕްރީލް މަހުގެ 15 ގެ ނިޔަލަށް ހަމައަށް ރާއްޖެއަށް ގެނައުމަށް ކަމަށެވެ.

”މީގެ އެއް މަސް ފަހުން އަޅުގަނޑުމެންނާ އެ ބައްދަލުކުރަނީ މި އަހަރުގެ ރޯދަމަސް. ދަނޑުވެރިން މިހާރުވެސް އަންނަނީ ރޯދައަށް ދަނޑު ހައްދަމުން. ދަތުރުފަތުރު ކުރުމުގައި މިވަގުތު ހުރި ދަތިތަކުގެ ސަބަބުން، ސަރުކާރުން މިހާރު ޤަޞްދުކުރަނީ، ދަނޑުވެރިން އުފައްދާ ތަކެތި އެސް.ޓީ.އޯ މެދުވެރިކޮށް، ހަލާކުނުވެ ތާޒާކަންމަތީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓްރޭޑިންގ ޕްލެޓްފޯމެއް ޤާއިމުކުރުމަށް. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ދިވެހި ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނާނެ ގޮތުގެ ތަފްސީލް، އެސްޓީއޯއިން އާންމުކުރާނެ.“

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާ ނުވަތަ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހް ރޯގާގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑަށް ލޮޅުން އަރާ ގައުމުތަކުގެ ތެރޭގައި ރާއްްޖެ ހިމެނޭނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: