ގދ.މާވަރުލު އެއަރޕޯޓުގެ ފްލައިޓް އޮޕަރޭޝަންސް ފެށުން މަޑުޖައްސާލައިފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފިއެވެ.
ފްލައިޓް އޮޕަރޭޝަންސް ފެށުން މަޑުޖައްސާލައިފައިވަނީ، އެ ވައިރަހުގެ ސަބަބުން، މުޅި ދުނިޔެ ޝިކާރަކުރަމުން އަންނަ ކޯވިޑް-19 އިން ރާއްކާތެރިވުމުގެ ގޮތުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އިތުރެު ދަތުރުތައް ނުކުރުމަށް ސަރުކާރުން އިލްތިމާސްކުރައްވާފައިވާތީކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން މި ނިންމުން ނިންމާފައިމިވަނީ އައިލެންޑް އޭވިއޭޝަންގެ ދަތުރުތައް ވަރަށް ބޮޑުތަން މަދުވުމާއެކުގައިކަމަށް ވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، މި ވަގުތު ޤައުމު އޮތް ހާލަތުން، މިއަށްވުރެ ރަނގަޅު ހާލަތަކަށް ރުޖޫޢަވުމާއެކު، އަންނަ ބަދަލުތަކަށް ބެލުމަށްފަހު، އޮޕަރޭޝަންސް ފެށުމަށް ކަނޑައަޅާ ވަކި ތާރީޚެއް ކުރިއަށްއޮތް ދެ ހަފުތާތެރޭގައި އިޢުލާންކުރާނޭ ކަމަށެވެ.
ކޯވިޑް-19 އިގެ ސަބަބުން، މުޅި ދުނިޔެ މިދަނީ ބޮދެތި ގޮންޖެހުންތަކަކާއި ކުރިމަތިލަމުންނެވެ. މި ގޮންޖެހުންތަކުން އަރައިގަނެ، ރައްކާތެރި މާޙައުލެއް ކަށަވަރުކުރުމަށްޓަކައި، ދުނިޔޭގެ އެކިކަންކޮޅުތަކުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން ދުނިޔޭގެ ގިނަ ޤައުމުތައް ލޮކްޑައުންކޮށް ނުވަތަ ރަށްތަޅުލާފައިވާއިރު، ބައެއް ޤައުމުތަކުންވަނީ، ބޭރުގެ އުދުހުންތައް ހުއްޓަލާފައެވެ. މި ގޮތުން ބަލާއިރު، ދުވާލެއްގެ މައްޗަށް އެތަކެއް ހާސް ފަތުރުވެރިންނެއް ރާއްޖެ އެތެރެވާ މައި ”ދޮރު“، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް މިއަދު މިވަނީ ފަޅުވެ ހިމޭންވެފައެވެ.

