ގްރޭޓަރ މާލެ ކަނެކްޓިވިޓީ – މާލެއާއި ތިލަފުށި، ގުޅުވައިލަދޭ ބްރިޖްގެ މަޝްރޫޢުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތައް ކުރިއަށްދާތީ، އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް ޕްލޭނިންގް މިނިސްޓްރީން އަންގައިފިއެވެ.
ޕްލޭނިންގް މިނިސްޓްރީން ރޭ ނެރުނު ނޫސް ބަޔާނެއްގައިވަނީ، މި މަޝްރޫޢުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް، މާލެއާއި ވިލިމާލެއާދެމެދުގެ ކަނޑުގެ ސަރަޙައްދާއި، ވިލިމާލޭ ދެކުނު ފަރުމަތީގައި ޚާއްސަ ޕްލެޓްފޯމްތަކެއް ބަހައްޓައިގެން ބޯހޯލް ތޮރުފަން ފަށާފައިވާކަމަށެވެ.
އެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ޕްލެޓްފޯމް ވަށައިގެން އޮންނަ 100 މީޓަރުގެ ސަރަޙައްދަކީ، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރި ސަރަޙައްދެއްނޫންކަމަށް، ޕްލޭނިންގް މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، އެ މަސައްކަތް ނިމެންދެން ޚާއްސަ ސަމާލުކަމެއްދިނުމަށް ވެސް އަންގަވާފައިވެއެވެ.
މި ގޮތުން، އެ މިނިސްޓްރީން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުގައި، އެ މަސައްކަތްތައް ނިމެންދެން، އެ ސަރަޙައްދުގައި ޑައިވްކުރުމާއި، މޫދަށްއެރިއުޅުންވަނީ މަނާކޮށްފައެވެ.
ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް ބޭނުންވާ ސާމާނު ރާއްޖެގެނައީ، މިމަހުގެ 19 ވަނަ ދުވަހުއެވެ. ނެދަރލޭންޑްސްގެ ފްގްރޯ ކުންފުންޏާއި ހަވާލުކޮށްފައިވާ މި މަސައްކަތްތަކުގެ އަގު 15 މިލިއަން ޑޮލަރަށްއަރައެވެ.

