ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް ބޮޑެތި ލޮޅުންތަކެއް އައިސް ރައްޔިތުންނަށް މާލީ ގޮތުން ބޮޑެތި ދަތުތަކާއި ކުރިމަތިލާން ޖެހިފައި ވާތީ ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ފީތައް އަންނަ މަހުން ފެށިގެން ސަރުކާރުން ދައްކައިދިނުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ކޮވިޑް-19 އާއި ގުޅޭ ކަންކަމުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިހާރު އޮންނަ ގޮތުން އެ ޕްރޮގްރާމްގައި ކިޔަވަމުންދާ ދަރިވަރުން އަމިއްލަ އަށް ފީ ދެއްކުމުން އެ ފައިސާ ސަރުކާރުން އަނބުރާ އެ ދަރިވަރުންނަށް ދޭ ކަމަށާއި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެކަމަށް ލުއިތަކެއް އަންނަ މަހުން ފެށިގެން ހޯދައިދޭން މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވވިދާޅުވެފައިވާ ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ ސްޓޫޑެންޓް ލޯނު ދެއްކުން ވެސް ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ނިންމާފައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ މާރިޗް 25 ވީ ބުދަ ދުވަހު ޤައުމާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސްޓޫޑަންޓް ލޯނު ރީޕޭކުރަން ޖެހިފައިވާ ފަރާތްތަކުގެ ރީޕޭމަންޓް 6 މަސް ދުވަހަށް ފަސްކޮށްދެއްވުމަށް ސަރުކާރުން ނިންމަވާފައި ވާކަން ވަނީ އިއުލާނު ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވުމާއި ގުޅިގެން މިހާރު ސްޓޫޑަންޓް ލޯނު ދައްކަން ޖެހިފައިވާ 4000 އަށްވުރެން ގިނަ ދަރިވަރުންނަށް ކޮވިޑް19 އާއިގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބިގެން ދާނެއެވެ.
ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ބީއެމްއެލް އާއި ބީއޯސީ މެދުވެރިކޮށް ދަރިވަރުން ނަގާފައިވާ ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމްގެ ލޯނުތަކާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ލޯނުތަކުގެ އިތުރުން މީރާއަށް ލޯނުރީޕޭކުރާގޮތައް ހަމަޖެހިފައިވާ ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާ ފަރާތްތަކުން މިހިނގާ މާރިޗް މަހުން ފެށިގެން 6 މަސް ދުވަހަށް ލޯނު އަބުރާދެއްކުން ފަސްކުރުމަށް ސަރުކާރުން ނިންމަވާފައި ވާތީ މި 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސްޓޫޑަންޓް ލޯނު ރީޕޭމަންޓްގެ އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި ލޯނު ދައްކާ ހަލާސްކުރަން މިހާރު އެގްރީމަންޓް ކުރެވިފައިވާ މުއްދަތަށް އެގްރީމަންޓް ބަދަލުކުރުމަކާއިނުލާ 6 މަސްދުވަސް އިތުރު ވެގެން ދާނެއެވެ. އަދި މަހުންމަހަށް ދައްކަމުންދާ އަދަދަށް ބަދަލެއް ނާންނާނެއެވެ.
ލޯނު ސްކީމްތަކުގެ ދަށުން ނަގާފައިވާ ލޯނުތައް ސީދާ މި މިނިސްޓްރީއަށް ފައިސާ ދައްކަމުން ގެންދާ ފަރާތްތަކުން ވެސް މި 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ލޯނު ރީޕޭކުރާކަށް ނުޖެހޭނެއެވެ. އަދި ކަމާގުޅޭ އިދާރާތަކާއިއެކު މިކަމުގެ އިންތިޒާމް ހަމަޖައްސަމުންދާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

