ތަފާތު ޕާޓީތަކުން ވާދަކުރެއްވި ނަމަވެސް އިންތިހާބުވެވަޑައިގަންނަވާ ހިސާބުން ފެށިގެން، ހުރިހާ ރައްޔިތުންނަށް، ހަމަހަމަގޮތެއްގައި، އިހްލާސްތެރިކަމާއެކު ހިދުމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ސިލްސިލާ ޕޮޑްކާސްޓް ”ނޭޝަން ޗެޓް“ގެ 2 ވަނަ އެޕިސޯޑްގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، އިންތިޚާބުތަކުގައި އެކިއެކި ޕާޓީތަކުން ވާދަކުރައްވާ އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވިވަޑައިގަންނަވާ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ، ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރަން މަގުތައް ބަންދުކުރުމުގެ މަސައްކަތް ކުރާތީ ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ޤައުމުގެ ކަންކަން ރަނގަޅު މަގަކުން ދާނީ އެކަން ބަދަލުވެގެން ކަމުގައި ރައީސް ވިދާޅުވިއެވެ.
މިކަމުގައި އޮތީ ހުރިހާ ފަރާތްތަކަކުންވެސް އިޚްލާސްތެރިވުން ކަމަށާއި، އެ ބަދަލު ފެނިގެންދާނީ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުންވެސް އިޚްލާސްތެރިވެވަޑައިގަތުމުން ކަމުގައި ރައީސް ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން މާލޭގެ ވެޓް މާކެޓުގެ މަޝްރޫއަށް ބޭނުންވާ ބިން ދޫނުކޮށް ހުރަސްއަޅަމުންދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ސިޓީ ކައުންސިލުން އެކަމަށް ހުރަސްއަޅާތީ ސަރުކާރުން ދެން ޖެހޭނީ ގާނޫނީ އިޖުރާއަތު ބޭނުންކޮށްގެން އެ ބިން އަތުލަން ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް، ސަރުކާރުން އެގޮތަށް އަމަލުކޮށްފިނަމަ ލާމަރުކަޒީ ނިޒާމު ފުނޑާލިކަމުގެ ފާޑުކިޔުން އަމާޒުވާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނަކީ އެ ނިޒާމާ ދެކޮޅު މީހެއް ކަމަށް ބުނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީއަށް ޓަކައި އަދުގެ ސަރުކާރުން ހިންގަވާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައިވާ މޯލްޑިވްސް 2.0 އަށް އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ ތުހުމަތުތަކާ ގުޅިގެން، މިރޭގެ އެޕިސޯޑްގައި ކުރިމަތިކުރި ސުވާލުތަކަށްވެސް ރައީސް ވަނީ ޖަވާބުދެއްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގައި ޑިޖިޓަލް އިޤްތިޞާދު ފުޅާކުރެއްވުމަށް، ވަށައިޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން އަޅުއްވާ އެކިއެކި ފިޔަވަޅުތަކަށްވެސް ތަފްސީލީ ގޮތެއްގައި ރައީސް ވަނީ ފާޙަގަކުރައްވާފައެވެ.

