ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2028 އެމްޑީޕީއަށް ފަސޭހައިން ކާމިޔާބުވާނެ ކަމަށް ބުނުމަކީ ގޯހެއް، ރައްޔިތުންނަށް ދައްކަންވީ ސާފު ތަސައްވުރެއް: ފައްޔާޒު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ވަރަށް ފަސޭހައިން ކާމިޔާބުކުރެވޭނެ ކަމަށް ބުނުމަކީ ގޯހެއްކަމަށާއި، އޭގެ ބަދަލުގައި ޕާޓީން އިސްކަންދޭންވީ ރައްޔިތުންނަށް އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ސާފު ތަސައްވުރެއް ދެއްކުމަށް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ”ސަންގު“ އިން ކުރިއަށްގެންދިޔަ ހާއްސަ އިންޓަވިއު ވާހަކަދައްކަވަމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް އެމްޑީޕީން ގެންގުޅޭނެ ”ފޯމިއުލާ“ އަކީ ކޮބައިތޯ ސުވާލު ދެންނެވުމުން ފައްޔާޒް ވިދާޅުވީ، 2028 ގައި އެމްޑީޕީ ”ފަސޭހައިން“ މޮޅުވާނެ ކަމަށް ޕާޓީގެ އެތެރޭގައި ގަބޫލުކުރެވޭ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އެފަދަ ނަޒަރިއްޔާތެއްގެ ސަބަބުން، ޕާޓީން ހަގީގަތުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އޮންނަ ފޯކަސް ގެއްލިގެން ހިނގައިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި، އިންތިހާބީ ފުރުސަތުތަކަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، އެމްޑީޕީން މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންވީ ރައްޔިތުންނަށް ސާފު މިސްރާބަކާއި ހަރުދަނާ ތަސައްވުރެއް ދެއްކުމަށެވެ.

”އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި މައްސަލަތައް ދެނެގަތުން. އަދި އެ މައްސަލަތައް އަޅުގަނޑުމެންނަށް އިހުސާސްވާކަމާއި އެކަންކަން ރަނގަޅަށް ދަންނަކަން ސާބިތުކޮށްދީ، އެކަންކަމަށް އަމަލީ ގޮތުން ހާސިލުކުރެވޭނެ ހަގީގީ ހައްލުތަކެއް ހުށަހަޅަންޖެހޭ،“ ފައްޔާޒު ވިދާޅުވިއެވެ.

މިހާރުގެ ސިޔާސީ މަސްރަޙަށް އަލިއަޅުވާލައްވަމުން ފައްޔާޒް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިޔާސީ އޮއިވަރު ބަދަލުކުރުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ސިޔާސީ ކަންކަމުގައި މާ ބޮޑަށް ބައިވެރިނުވާ އާންމު ރައްޔިތުންނަށް އޭގެ މާ ބޮޑު އަސަރެއް ނުކުރާ ކަމަށެވެ. އެހެންކަމުން، އެމްޑީޕީން ހާސިލުކުރަން ބޭނުންވަނީ ކޮން ކަމެއްތޯ އަދިވެސް ގިނަ ރައްޔިތުން ސުވާލު އުފައްދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ސަބަބުން، ޕާޓީގެ މަގުސަދުތަކާއި އަމާޒުތައް، ވަކިން ހާއްސަކޮށް އާންމު ރައްޔިތުންނަށް ވަރަށް ސާފުކޮށް ބުނެދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

”ސަރުކާރަށް އާންމު ރައްޔިތުންގެ ބޮޑު ތާއީދެއް ނެތް ކަމުގައި ވީނަމަވެސް، ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އޮތް ބާރާއި ނުފޫޒު އަދިވެސް އޮތީ ސަރުކާރުގެ އަތްދަށުގައި. އަދި އެ ބާރުތަކުގެ ބޭނުން ސަރުކާރުގެ މަސްލަހަތު ކުރިއެރުވުމަށް ޓަކައި ހިފުމުގެ ފުރުސަތު އެފަރާތްތަކަށް އެބައޮތް،“ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، އެމްޑީޕީން އެކުލަވާލާ ތަސައްވުރަކީ ހަމައެކަނި ތަރައްގީގެ ބޮޑެތި ވައުދުތަކެއްގެ މައްޗަށް ބިނާވެފައިވާ އެއްޗަކަށް ވުމުގެ ބަދަލުގައި، ރައްޔިތުންގެ ދިރިއުޅުމުގެ އާންމު މައްސަލަތަކާއި، ފުއްދުންތެރިކަމުގެ މައްސަލަތަކާއި، އާންމު ފަރުދުންނަށް ދިމާވާ އަމަލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނެ ތަސައްވުރަކަށް ވާންޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ އިތުބާރު ހޯދުމަށް ޓަކައި، ފުރަތަމަ އެ މައްސަލަތައް ދެނެގަނެ، އެކަންކަން ޕާޓީއަށް އިހުސާސްވާކަން ސާބިތުކޮށްދީ، އެކަންކަމަށް އޮތް ސާފު ހައްލުތައް ހުށަހަޅަންޖެހޭނެ ކަމަށް އޭނާ ނަންގަވައިދެއްވިއެވެ.

މީގެ އިތުރުން، މިހާރުގެ ސަރުކާރަށް ރައްޔިތުންގެ މާ ބޮޑު ތާއީދެއް ނެތް ނަމަވެސް، ދައުލަތުގެ މުއައްސަސާތަކާއި ޝަރުއީ ދާއިރާ ފަދަ މުހިންމު ބާރުތަކުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އެބައޮތް ކަމަށާއި، ސަރުކާރުން އެ ބާރުތަކުގެ ބޭނުން ހިފަމުންދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެހެންކަމުން، ސިޔާސީ މަސްރަހުގެ ހަގީގަތްތައް ގަބޫލުކޮށް، އިދިކޮޅު ފަރާތްތަކުގެ ބަލިކަށިކަމަށް ބަރޯސާވުމުގެ ބަދަލުގައި، ރައްޔިތުންގެ މަސްލަހަތު އިސްކުރާ މެސެޖުތަކެއް ފޯރުކޮށްދިނުމަށް އެމްޑީޕީން ސަމާލުކަން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ”ބޮޑު ބަދަލު“ ފަދަ ހަރަކާތްތަކަކީ ޕާޓީން މައްސަލަތައް ދެނެގަނެ، ހައްލުތައް ހުށަހެޅުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި މިހާރު އޮތް އަމާޒަކީ މި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، 2028 ގެ އިންތިހާބުގެ ކުރިން ރައްޔިތުންގެ އިތުބާރާއި ތާއީދު ލިބޭނެ ފަދަ ގޮތަކަށް އެ މެސެޖުތައް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: