މުވައްޒަފުންގެ އަދަދު މަދުކުރަން މަޖުބޫރުވީ ހަނގުރާމައިގެ ހަލަތާ ގުޅިގެން ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، އެއްވެސް ކަމެއްގައި ވައުދާއި ހިލާފުވެފައިނުވާ ކަމަށެވެ. ރައީސް ވިދާޅުވީ، ސަރުކާރު ފެށިގެން އައިއިރު ކުންފުނިތަކުގައި ކުރިންވެސް ތިބި މީހުން މަގާމުގައި ތިބޭނެ ކަމަށެވެ. އަދި އެތައް އަހަރެއްވީ މުވައްޒަފުންވެސް ތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް، މިއަހަރު ފެށިގެން އައިއިރު މުޅި ދުނިޔެއަށް ދިމާވި ހަނގުރާމައިގެ ދަތިކަން އައި ކަމަށް ފާހަގަކުރެއްވިއެވެ. އެ ހަނގުރާމަ އައުމުން ހަރަދުތައް ކުޑަކުރަން ޖެހުނު ކަމަށާއި، މުޅި ދުނިޔެއަށް އަސަރުކުރާ ސަރަހައްދެއްގައި ހަނގުރާމައެއް އަންނާނެ ކަމަކީ އެއީ އެއްވެސް މީހަކު ފޯކާސްޓުކޮށްފައި ވެސް އޮންނާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
”އޭގެ ކުރިންވެސް ސަރުކާރު ކުންފުނިތަކާއި ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ހަރަދު ކުޑަކުރުމަށް ޓަކައި ކަންތައްތައް ކުރަން ނިންމާފައި ހުރީ. ސިޔާސީ މުުވައްޒަފުންގެ މުސާރަވެސް ކުޑަކޮށްގެން އުޅޭތާ މިއީ ދެވަނަ އަހަރު މިއުޅެނީ. ފިނޭންސް މިނިސްޓްރީން އާއްމުކުރާ ތަފާސްހިސާބުތަކުން ފެންނާނެ އެކަންކަން،“
ރައީސް ވިދާޅުވީ، މީގެ ކުރިން އެކަން ކުރަން ވިސްނަވާ ޕްލޭންކުރައްވާފައި ވަނިކޮށް ހަނގުރާމައާއި ކުރިމަތިލާން ޖެހިވަޑައިގަތް ކަމަށާއި، އެއާއެކު ހަރަދުކުޑަކުރުމުގެ މަސައްކަތް ދެގުނަ ބޮޑު ކުރަންޖެހުނު ކަމަށެވެ. ކުންފުންޏަށް ބޭނުންވާ ވަރަށް މީހުން މަދުކުރުމަކީ މަޖުބޫރު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެކަން ކުރުމަށް ޓަކައި އެޗްއާރު އޮޑިޓު ހެދުމާއި އެފަދަ ކަންކަން ކުރަމުން ގެންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެހެންކަމުން އެމަނިކުފާނުގެ އެއްވެސް ވައުދަކާއި ހިލާފުވެފައި ނޯންނާނެ ކަމަށާއި ވެރިކަމަށް ވަޑައިގަތްއިރު، ކުންފުނިތަކުގައި މީހުން ތިބި އަދަދަށް ތިބޭނެ ކަމަށެވެ.
އެހެންނަމަވެސް ދިމާވި ކަންކަމާ ގުޅިގެން ބަދަލުތައް ގެންނަން ޖެހުނީ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަކިފާނު ވިދާޅުވީ ކޮންމެ ކުންފުންޏެއްގައިވެސް މުވައްޒަފުން އަމަލުކުރަންޖެހޭ ވަކި ގޮތެއް އޮންނަ ކަމަށާއި، އެގޮތަށް އަމަލުނުކުރާ ކަމަށް ވާނަމަ ވިޔަވަޅުވެސް އެޅިގެންދާނެ ކަމަށެވެ.

