ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލުތުފަރު މަރާލައި ކަނޑުފައްތާލި މައްސަލައިގައި އަލަމިން އާއި ނޫރުލްއިސްލާމްގެ މައްޗަށް ކުށް ސާބިތުވެއްޖެ

ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ކަނޑު އަޑިން ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަން ފެށިތާ 15 ދުވަސް ފަހުން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ޅައިމަގުގައި ގެއްލިގެން ހޯދި އެ ރަށު ”ކުރިމަގު“ ބޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހާ، ލުތުފަރު މަރާލަައި ހަށިގަނޑު ކަނޑު ފެއްތި މައްސަލައިގައި ދައުވާ ކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ކަނޑައަޅައިފިއެވެ.

2019 ވަނަ އަހަރު އޭޕްރިލް މަހު ލުތުފަރު މަރާލި މައްސަލައިގައި ކުރިމަގު ބޯޓުގައި މަސައްކަތް ކުރި ބަންގްލަދޭޝަށް ނިސްބަތްވާ އަލަމިން، ނޫރުލްއިސްލާމް، އަދި އެމްޑީ އަހްތަރު ހުސެއިން، ހައްޔަރުކުރުމުން އެ މީހުން ވަނީ އެ ކުށް ކުރި ގޮތުގެ ތަމްސީލެއް ކުޅެ އެކަން ކުރި ގޮތް ފުލުހުންނަށް ކިޔައިދީފައެވެ. އަދި ބަންދު އަޑުއެހުމުގައި ޝަރީއަތަށް ވެސް އިއުތިރާފުވިއެވެ.

އެ ތިން މީހުން އެންމެ ފުރަތަމަ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހެދި ނަމަވެސް ފަހުން ދައުވާއަށް އިންކާރުކުރުމުން، ފުލުހުން ތަހުގީގު ފުރިހަމަކުރުމަށްފަހު މައްސަލަ ހުށަހެޅުމުން ދައުލަތުން ވަނީ ގަސްތުގައި މީހަކު މެރުގެ ދައުވާ އަލުން ކޯޓަށް ހުށަހަޅައިފައެވެ. މި މީހުންގެ ތެރެއިން އަހްތަރު ހުސެއިން ޖަލުގައި މަރުވެފައިވާތީ ޝަރީއަތް ހިންގީ އަލަމިން އާއި ނޫރުލްއިސްލާމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އެ މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމީ އެ މީހުން ތަހުގީގު މަރުހަލާގައި ފުލުހުންނަށް ދިން ބަޔާނާއި ހާދިސާ ހިނގި ސަރަހައްދުގައި ކުށް ކުރި ގޮތް އަމަލީ ގޮތުން ތަމްސީލުކޮށް، ކުށް ކުރި ގޮތް ކިޔައިދީފައިވުމުގެ މައްޗަށެވެ. އެގޮތުން އެހާ ތަފްސީލީ ގޮތެއްގައި ހާދިސާ ހިނގި ގޮތް ކިޔައިދެވޭނީ އެކަން ކުރި ބަޔަކަށް ކަމަށް ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން 16 މެއި، 2019ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި އެ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެ ރޭ 9:30 އާއި 10:30 އާ ދެމެދު ކުރިމަގު ބޯޓުގެ ތެރެއިން މީހެއްގެ ހަޅޭކުގެ އަޑު ފަަދަ އާދައާ ހިލާފު އަޑުތަކެއް ބަނދަރު ސަރަހައްދުގައި ތިބި ރަށުގެ ރައްޔިތުންގެ ބަޔަކަށް އިވުނެވެ. އެއީ ލުތުފަރު މަރާލި ވަގުތު ކަމަށާއި އޭނާ މަރާލީ ބޯޓުގެ ވާތް ފަރާތު ދިރުބާކޮޅާ ވީ ހިސާބުން ތައްޓުމަތީގައި ބާއްވައިގެން ނޭވާ ހާސްކޮށްލައިގެން ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ މަރާލީ އެއް ޖިންސުން ގުޅުން ހިންގަން އުޅުމުން ކަމަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

ލުތުފަރު މަރާލިއިރު ހަޅޭއްލެވި އަޑު އިވުނު މީހުން ގޮސް ބަނދަރު މަތީގައި ތިބެގެން ނޫރުލްއިސްލާމްއާ ސުވާލުކުރުމުން، އެ އަޑުތަކަކީ އޭނާގެ އަންހެނުންނާ ފޯނުން ގުޅައި ވާހަކަ ދެއްކިއިރު އަޑުގަދަ ވެެގެން އިވުނު ވާހަކަތަކެއް ކަމަށް ނޫރުލްއިސްލާމް ބުނެފައިވެއެވެ. އެ ވަގުތު ބޯޓުން ކޮންމެވެސް އެއްޗެއް މޫދަށް ވެއްޓުނު އަޑުވެސް ބަނދަރު ސަރަހައްދުގައި ތިބި މީހުންނަށް އިވިފައިވާއިރު އެއީ އަލަމިން އާއި އަހްތަރު ހުސެއިން ދިރުބާކޮޅުގައި ފިލައި ތިބެ ލުތުފަރުގެ ހަށިގަނޑު މޫދަށް ވައްޓާލި އަޑު ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

އޭގެ ފަހުން އެ ސަރަހައްދުން މީހުން ދިޔުމުން އެ ހަށިގަނޑު ބޯޓަށް އަރުވައި، އަންނައުނު ބަދަލުކޮށް އޭނާ ނިދާފައި އޮތް ކަމަށް ދައްކަން ހަށިގަނޑު އޭނާ އާންމުކޮށް ނިދާ ތަނުގައި ބޭއްވިއެވެ. އަދި އެ މީހުން ސައްލާކުރުމަށް ފަހު ހަށިގަނޑު ކަނޑުފައްތަން ނިންމިއެވެ. ފުލުހުން ބުނި ގޮތުގައި، 20 ލީޓަރުގެ ހަންތަކެއް ބޭނުންކޮށްގެން ހަށިގަނޑު ފެންމަތީ ބާއްވައިގެން ރަށުގެ ބޭރު ތޮށި މައްޗަށް ގެންދިޔައެވެ. އަދި ތޮށި މަތީގައި ގޯނިތަކަށް ގާ އަޅައި ހަށިގަނޑުގައި އެއްސިއެވެ. އެއަށްފަހު ފަތާފައި ތޮށިން ބޭރަށް ގެންގޮސް ހަންތައް ކަނޑާލައި ގާތަކާއެކު އޭނާގެ ހަށިގަނޑު ފެއްތީ ރަށުގެ ފަޅާއި ކަނޑު ގުޅޭ ހިސާބަށެވެ. 15 ދުވަސް ފަހުން އެ ހަށިގަނޑު ފެނުނު އިރު ބާކީ ހުރީ ކަށިތައް އެކަންޏެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނ،ީ ކުރިން ތަހުގީގު މަރުހަލާގައި ވި އިއުތިރާފުން ރުޖޫއަވިނަމަވެސް، އެ އިއުތިރާފު ވެފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށް ވާތީ އެއީ ސައްހަ އިއުތިރާފެއް ކަމަށެވެ. އަދި ލުތުފަރާ މެދު އެ މީހުންގެ އަދާވާތްތެރިކަން އޮތް ކަމާއި، އޭނާ މަރާލީ އެކަމުގެ ނިޔަތް އޮވެ، ސީދާ އެ މީހުންގެ އަމަލުކަން ސާބިތުވާ ކަމަށް ކަނޑައަޅާފައިވެއެވެ.

ރާއްޖޭގައި ލުތުފަރު އުޅުނުކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތް ނަމަވެސް، ލުތުފަރަކީ ޅައިމަގުގައި ދިރިއުޅުނު މީހެއް ކަމާއި އަދި ކުރިމަގު ބޯޓުގައި މަސައްކަތް ކުރިކަން ހެކިންގެ ހެކިބަހުންނާއި ދައުވާލިބޭ މީހުންގެ ބަހުން ވެސް އެނގޭ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ލުތުފަރުގެ ފޮޓޯއެއްގައި އެއީ މަރާލި މީހާކަން ބަޔާންކޮށް ދައުވާ ލިބޭ މީހުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، މޫދު އަޑިން ފެނުނު ކަށިތަކުގެ ޑީއެންއޭ އާއި ލުތުފަރުގެ މައިންބަފައިންނާއި އޭނާގެ ދެ ދަރިންގެ ޑީއެންއޭއާ ދިމާވާތީ އެއީ އޭނާގެ ކަށިތައްކަން އެނގޭކަން ވެސް ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ނޫރުލްއިސްލާމް އާއި އަލަމިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމުން ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުމަށްފަހު އަދަބު ކަނޑައެޅުމެވެ. ލުތުފަރުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންނަމަ އެ ދެ މީހުންގެ މައްޗަށް އަންނާނީ މަރުގެ އަދަބެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: