ކޯވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަހާއި ގުޅިގެން، ހުޅުވައިފައިވާ ކަރަންޓީނު ފެސިލިޓީސްތަކުގައި ތިބި މީހުންނަށް ޕާރުސަލް ފޮނުވުމުގެ ވަގުތުތަކަށް އެޗްޕީއޭއިން ބަދަލުތަކެއް ގެނެސްފިއެވެ.
އެޗްޕީއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ޕާރުސަލް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާނީ، ހޮނިހިރު، ހޯމަ އަދި ބުދަ މި ތިންދުވަހުގެ ހެނދުނު
9:00 އިން ފެށިގެން 11:00 އާއި ހަމައަށެވެ. މީގެ އިތުރުން، ޕާރުސަލް ބަލައިގަންނާނީ، ހަވީރު 16:00 އިން 18:00 އާއި ހަމައަށެވެ.
އެޗްޕީއޭއިން ބުނީ ޕާރުސަލް ބަލައިގަންނާނީ، ދަރުބާރުގެއިން ކަމަށެވެ. އެޗްޕީއޭއިންވަނީ ޕާރުސަލް ގެންނަ ފަރާތްތަކުން އަމަލުކުރަންވީ އުސޫލުތަކެއް ވެސް ބަޔާން ކޮށްފައެވެ.
މި އުސޫލުތަކުގެ ތެރޭގައި:
1.ޕާރުސަލް ގެންނަންވާނީ ބަންދުނުކޮށް، ހަވާލުކުރާ ޑެސްކުން ޗެކްކުރުމަށްފަހު ބަންދުކުރާ ގޮތަށެވެ.
2.ޕާރުސަލް ބަލައިގަނެވޭނީ ހަމައެކަނި ފޮށި ނުވަތަ ފޮށިގަނޑުގައެވެ.
3.ޕާރުސަލް ބަލައިގަނެވޭނީ ޕާރުސަލް ހަވާލުކުރާ ޑެސްކުން ޗެކްކުރުމަށްފަހުގައެވެ.
ޕާރުސަލްގެތެރޭގައި ހިމެނިގެންނުވާނެ އެއްޗެހި:
1.ޤާނޫނުމަނާކުރާ އެއްވެސް އެއްޗެއް.
2.ފްލައިޓުގައި އުފުލުން މަނާކުރާ އެއްވެސް އެއްޗެއް ނެތުން. (މީގެތެރޭގައި އެއްވެސް ބާވަތެއްގެ ކެމިކަލް، އަދި ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ހުރެގެން ނުވާނެއެވެ.)
3.މަދުވެގެން 2 ދުވަސްތެރޭގައި ކުނިވާނެ ޒާތުގެ އެއްވެސް ކާއެއްޗެއް.
4.އެއްވެސް ބާވަތެއްގެ ދިޔާއެއްޗެއް ޕާރުސަލުގައި ފޮނުވާނަމަ، އެ އެއްޗެއް ހުންނަންވާނީ، ލީކްނުވާނެގޮތަކަށް ރަނގަޅަށް ސީލްކުރެވިފައެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ، ޕާރުސަލް ގެންނަ ފަރާތުން، ޕާރުސަލް ހަވާލުކުރުމަށް އަންނައިރު ލިބެންޖެހޭ ފަރާތުގެ މަޢުލޫމާތު އެނގެންވާނެކަމަށާއި، މި މަޢުލޫމާތު ހުންނަންވާނީ ފޮނުވާ ޕާރުސަލުގައި ލިޔެވިފައިކަމަށެވެ. މި ގޮތުން، ޕާރުސަލް ލިބެންވާ ފަރާތުގެ ފުރިހަމަނަމާއި، ކަރަންޓީނު ކުރެވިފައިވާ ރަށާއި، ކަރަންޓީނު ކުރެވިފައިވާ ރަށުގެ ރޫމް ނަންބަރާއި، ލިބެންވާ ފަރާތުގެ ފޯނު ނަންބަރު ޕާރުސަލުގައި ލިޔެވިފައި ހުންނަންޖެހޭނެކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
ކޯވިޑް- 19 އިގެ ޖުމްލަ 19 ކޭހެއް ދިވެހިރާއްޖެއިން ފެންމަތިވެފައިވާއިރު، އޭގެތެރޭގައި 15 ބިދޭސީންނާއި 4 ދިވެހިން ހިމެނެއެވެ. މި 19 މީހުންގެތެރެއިން މިހާރު 13 މީހުން ރަނގަޅުވެފައިވާއިރު، ޖުމްލަ އެކްޓިވް ކޭހުގެ ޢަދަދަކީ ހައެކެވެ. މި ވަގުތު ރާއްޖޭގައި ތިބީ އޭގެތެރެއިން 4 ދިވެހިންނެވެ. މި ވައިރަހުގެ ސަބަބުން ކަރަންޓީނު ފެސިލިޓީސްތަކުގައި މިހާރު 867 މީހުން ތިބިއިރު، އައިސޮލޭޝަން ފެސިލިޓީގައި 15 މީހަކު މިހާރު ވެސް އެބަތިއްބެވެ.

