ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް އިތުރު ފައިސާ ބޭނުން: އަމީރު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކުރިމަތިވެފައިވާ މި ހާލަތުގައި ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް އިތުރު ފައިސާ ބޭނުން ވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ސަރުކާރުގެ ފޯކާސްޓް ދައްކާ ގޮތުން އިގްތިސާދީ ދުވެލި 5.7 ޕަސެންޓު ދަށްވާނެ ކަމަށެވެ.

ރާއްޖެ އަށް ޓޫރިސްޓުން އައުން ގާތްގަނޑަކަށް ހުއްޓިފައި އޮތް އިރު، ޓޫރިސްޓުން އަންނާނެ ވަރު 37 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށްވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ބަޖެޓަށް އިތުރުވާ ހަ ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ބަޖެޓު 12 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ. އަދި މިއަހަރު ބަޖެޓަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބޭނީ 30 ބިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

”އޭރުގެ ހަގީގަތްތަކާ މިހާރުގެ ހަގީގަތްތަކާ ވެސް ތަފާތު. މިހާރު އަންދާޒާ ކުރަނީ ގައުމީ އުފެއްދުންތެރިކަން 5.7 ޕަސެންޓުން ދަށް ވެގެންދާނެ ކަމަށް، އެއާ އެއްކޮށް ސަރުކާރަށް ލިބޭ އާމްދަނީވެސް ވަރަށް ބޮޑުތަނުން ދަށް ވެގެންދާނެ. މިހާރުގެ އަންދާޒާއަކީ ހިލޭ އެހީއާއި ޓެކްސް ރެވެނިއު އަދި ނޮން ޓެކްސް ރެވެނިއު ހިމަނައިގެން ލިބޭނީ ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ކަމަށް“ އަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިހާލަތަކީ ކުރިން އެއްގޮތަކަށް ވެސް އަންދާޒާކުރި ހާލަތެއް ނޫން ކަމަށެވެ. އަދި މުޅި ދުނިޔޭގެ އިގްތިސާދު ބަދަލު ވެގެން ހިނގައްޖެ ކަމަށާއި ބަޖެޓުން މިހާރު ހަރަދު ކުރަމުން ގެންދަނީ އެ މިނިސްޓްރީން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ހަރަދުތައް އިތުރަށް ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނީގެ މުސާރަތައް ރީ ސްޓްރަކްޗާ ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓުގައި ޑެފިސިޓް ފޫބެއްދުމަށް 5.9 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެހެން ނަމަވެސް މިހާރު ބަޖެޓަށް އިތުރުވާ ހަ ބިލިއަނާ އެކު ޑެފިސިޓް 12 ބިލިއަނަށް ބޮޑުވާނެ ކަމަށްވަނީ ބެލިވިފައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެެފައިވާ ހީނަރުކަމުން އަރައިގަތުމުގެ ގާބިލުކަން ސަރުކާރުގައި އެބަހުރި ކަމަށެވެ. އަދި ދުނިޔެ އެކޭ އެއް ގޮތަށް ރާއްޖެއަށް ވެސް އިގްތިސާދީ ކާރިސާއެއް އަންނަކަން،  ގަބޫލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޤްތިޞާދީ ގޮތުން ދިޟާވެފައިވާ ކާރިސާ އިން އަރައިގަތުމުގެ ގާބިލުކަން ސަރުކާރުގެ ކިބައިގައި ހުރިކަން ފާހަގަ ކުރައްވާ އަމީރު ވިދާޅުވީ ލޯނުގެ އިތުރުން ހިލޭ އެހީވެސް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

އެގޮތުން  ބޭރުގެ ހިލޭ އެހީގެ ގޮތުގައި މިއަހަަރަށް 150 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އޭގެ ތެރެއިން 50 މިލިއަން ޑޮލަރު  ލިބިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އެދަދުގެ އިތުރުން ބާކީ 100 މިލިއަން ޑޮލަރު ވެސް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ހަ މަސް ދުވަހަށް ފަހު އިގްތިސާދު ރަނގަޅުވާން ފަށާނެ ކަމަށް އުންމީދު ކުރެއްވޭ ކަމަށެވެ. އެގޮތުން މިނިސްޓަރު މިސާލެއްގެ ގޮތުގައި ދެއްކެވީ ސުނާމީއާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ގޮން ޖެހުމުން އަރައިގަނެގެން އައި ގޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: