މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމުގެ ސަބަބުން، ވަޒީފާ ގެއްލޭ މީހުންނަށް ޚާއްސަ އެލަވަންސެއް ދޭންސަރުކާރުން ނިންމައިފިއެވެ.
ބުދަ ދުވަހުގެ ރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސް ދުވަހުގެ މުއްދަތަކަށް ޚާއްސަ އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އަމީރު ވިދާޅުވީ ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން ވަޒީފާ ގެއްލޭ މީހުންނަށް ހާއްސަ އެލަވަންސެއް ދިނުމަށްޓަކައި، އެކަމުގެ އުސޫލުތައް މިހާރު އެކުލަވައިލަމުން އަންނަ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރީގެ ޖޮބް ސެންޓަރުގައި މިހާތަނަށް 292 މީހުން ވަނީ ވަޒީފާ ގެއްލިގެން ނަން ނޯޓުކޮށްފަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ގިނަ ރިސޯޓުތައް ބަންދުކުރުމާ އެކު މިހާތަނަށް 11 ހާހަށްވުރެ ގިނަ މުވައްޒަފުންނަށް ވަޒީފާ ގެއްލިގެން ގޮސްފައިވާ ކަމަށް ޓޫއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެ އެވެ.
އޭޕްރީލް މަހުން ފެށިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށް ސަރުކާރުން އެލަވެންސެއް ދޭ ގޮތަކަށް ނިންމި ނަމަވެސް އެއީ ކިހާ މިންވަރެއް ކަމެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.
މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރިތައް ހިމާޔަތްކުރުމަށްޓަކައި ސަރުކާރުން އިއުލާންކޮށްފައިވާ ސްޓިމިއުލަސް ޕެކޭޖުން ދޫކުރާ ލޯނުގެ އެންމެ ބޮޑު ޝަރުތަކީ ދިވެހިން ވަޒީފާ އިން ވަކިނުކުރުން ކަމަށެވެ.
ސަރުކާރުގެ އެހީގެ ޕެކޭޖުގެ އެންމެ ބޮޑު ބޭނުމަކީ ރިސޯޓް ދާއިރާގެ ވެސް އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން ހިމާޔަތް ކުރުން ކަމަށެވެ.
”މިސާލަކަށް ރިސޯޓަކުން ބޭނުންނަމަ، އެންމެ ފުރަތަމަ ޝަރުތަކީ ރިސޯޓުގައި މަސައްކަތްކުރާ އެއްވެސް ދިވެހި މުވައްޒަފެއްގެ ވަޒީފާ ގެއްލިގެނެއް ނުވާނެ. އެހެންވީމަ އެ ރިސޯޓަކުން ސްޓިމިއުލަސް ޕެކޭޖު ބޭނުންކުރާނީ ވަޒީފާ ނުގެއްލޭނެ ކަމަށް އަދި ވަޒީފާއިން ނުކަނޑާނެ ކަމަށް އެއްބަސްވެ“ އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، ވިޔަފާރިތަކަށް ލޯނު ދޭ އިރު 10،000ރ. އަށް ވުރެ މަދުން މުސާރަ ލިބޭ މީހުންގެ މުސާރަ ކުޑަ ކުރެވިގެން ނުވާނެ ކަމަށެވެ. އަދި ލޯނުތައް ދިނުމުގައި ގާނޫނާއި ގަވައިދާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކަށް އިސްކަން ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ތައް މެދުވެރިކޮށެވެ. މީގެ ތެރެއިން ބީއެމްއެލް އިން ދޫކުރާނީ ވިޔަފާރިތަކަށް އަހަރަކު 10 މިލިއަން ރުފިޔާ ލިބޭ އާންމު ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ރިސޯޓުތަކާއި އެހެނިހެން ބޮޑެތި ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ އިންޓްރެސްޓަކީ ހަ ޕަސެންޓެވެ. މި ލޯނު ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނު ދެއްކުމަށްޓަކައި ހަ މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ.

