ރީޖަނަލް ތިން އެއަރޕޯޓެއްގެ 24 ގަޑިއިރުގެ އޮޕަރޭޝަންތައް ހުއްޓާލައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ބުނީ، ކޯވިޑް-19 އިގެ ހާލަތާއި ގުޅިގެން ފްލައިޓް ހަރަކާތްތައް، ވަރަށް ބޮޑަށް މަދުކޮށްފައިވާތީ، ރީޖަނަލް އެއަރޕޯޓްސްގެ ފަރާތުން ހިންގާ އެއަރޕޯޓްތަކުގެ ތެރެއިން 24 ގަޑިއިރު ޚިދުމަތް ދެމުންގެންދާ ތިން އެއަރޕޯޓަކުން ޚިދުމަތްދޭ ވަގުތު 01 އޭޕްރީލުން ފެށިގެން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 6:00 އިން ހަވީރު 18:00 އަށް ބަދަލުކުރެވިފައިވާކަމަށެވެ.
މި ގޮތުން ޚިދުމަތްދޭ ވަގުތުތަކަށް ބަދަލުގެނެސްފައިވާ އެއަރޕޯޓުތަކަކީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ކާޑެއްދޫ އެއަރޕޯޓާއި، ފުވައްމުލަކު އެއަރޕޯޓެވެ.
މި ބަދަލު ގެނެސްފައި ވީނަމަވެސް، ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، މެޑިކަލް އިވަކުއޭޝަން ފަދަ ޚާއްސަ ހާލަތަކާއި ގުޅިގެން، ރޭގަނޑުގެ ވަގުތުގައި ފްލައިޓް ހަރަކާތެއް ބާއްވަންޖެހިއްޖެނަމަ، 3 ގަޑިއިރު ކުރިން އެ މަޢުލޫމާތު އެއަރލައިން އޮޕަރޭޓަރުގެ ފަރާތުން، އެ އެއަރޕޯޓަކަށް އެންގެވުމުން ފްލައިޓް ހަރަކާތުގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ދަތުރުތައް ކުރުން މަދުކުރުމަށް އަންގަމުންދާ މިފަދަ ވަގުތެއްގައި، ދަތުރުފަތުރުތައް މަދުވެ މަންފާނުވާތީ ބައެއް އެއަރލައިންތަކުން މިހާރުވަނީ ދަތުރުތައް ހުއްޓަލާފައެވެ. މީގެ އިތުރުން، ވޭތުވެދިޔަ ތަނުގައި ދުވާލެއްގެ މައްޗަށް އެތަށް ފަތުރުވެރިން ރާއްޖެ އަންނަ މައި ވައިގެބަނދަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މިހާރުވަނީ ފަޅުތަނަކަށް ވެފައެވެ.

