ސިޔާސީގޮތުން ކުޅޭ ކުޅިވަރަކަށް ކީރިތި ޤުރުއާން ހަދައިގެންނުވާނެކަމަށް، އައްޝައިޚް ޙުސެއިން ރަޝީދު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޙުސެއިން ރަޝީދު މިހެން ވިދާޅުވެފައި މިވަނީ ސޯޝަލް މީޑިއާގައި، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފައްޓަވާފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ ޗެލެންޖާއި ގުޅިގެންނެވެ.
މި ގޮތުން، ރޭ އިރާކޮޅު ޝެއިޚް ޙުސައިން ރަޝީދުކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް ޗެލެންޖުކުރުމަށްޓަކައި ކުޅޭ ސިޔާސީ ކުޅިވަރަކަށް ކީރިތި ޤުރުއާން ހައްދަވައިގެން ނުވާނެކަން ޑރ. ޝަހީމަށް އެނގިވަޑައިގަންނަވާނެކަމަށެވެ.
މީގެ އިތުރުން، ޝައިޚު ވިދާޅުވީ، ޤުރުއާން ކިޔެވުމާއިމ ވާދަވެރި މުބާރާތްތައް ބާއްވަންވާނީ ހިތަށްއެރިހައި ގޮތަށް ނޫންކަމަށެވެ.
ސޯޝަލް މީޑިއާގައި ޝަހީމް ފައްޓަވާފައިވާ ޤުރުއާން ކިޔެވުމުގެ ޗެލެންޖުގައި ބައިވެރިވެވަޑައިގަތުމަށްއެދި، ޝަހީމްވަނީ ސަރުކާރުގެ އިސްބޭފުޅުންތަކަކަށް ވެސް ދަޢުވަތު އަރުވާފައެވެ. މި ގޮތުން ނައިބު ރައީސް ފައިޞަލް ނަސީމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށާއި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ވެސް ޝަހީމްވަނީ ދަޢުވަތު އަރުވާފައެވެ. މިއިން ބޭފުޅަކު އަދި ބައިވެރިވެވަޑައެއް ނުގެންނެވި ކަމުގައިވިޔަސް، ޤުރުއާން ޗެލެންޖަށް ލިބޭ ތަރުޙީބުދަނީ އިތުރުވަމުންނެވެ.
މި ގޮތުން ބަލާއިރު، ޒިމްބާބްވޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، އިސްމާއީލް ބިން މޫސާ މެންކް ނުވަތަ މުފްތީ މެންކް ވަނީ ޝަހީމް ފެށްޓެވި ޤުރުއާން ޗެލެންޖުގައި ބައިވެރިވެވަޑައިގެންފައެވެ.

