އިމްޕޯޓަށްވާ ބަރޯސާ ކުޑު ކުރުމުގެ ގޮތުން ރާއްޖޭގެ ދަނޑުވެރިންގެ ހުރިހާ އުފެއްދުމެއް ގަތުމަށް އެސްޓީއޯ އިން ނިންމައިފިއެވެ.
ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، ރާއްޖޭގައި ހެއްދޭ ހުރިހާ ތަކެއްޗެއް ފުޅާ ދާއިރާއެއްގައި ހެއްދުމަކީ މި ދަނޑިވަޅަށް މުހިންމު ކަމެއް ކަމަށެވެ.
އަމުރު ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދަނޑުވެރިން ވިއްކާ ތަކެއްޗަށް އެސްޓީއޯ އިން ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި، ރާއްޖޭގެ އިގްތިސޯދު ފަތުރުވެރިކާމާއި އިމްޕޯޓަށް ބަރޯސާކޮށްގެން ތިބެވެން ނެތް ކަން މިއަދު ވަރަށް ސާފު ވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެ އަށް ލިބޭ އާމްދަނީ އާއި އިމްޕޯޓު ވެސް ދަށްވެ، އިގްތިސާދަށް ބޮޑު ލޮޅުމެއް އަރާފައިވާ މި ދަނޑިވަޅުގައި އެސްޓީއޯ އިން ވަނީ ދަނޑުވެރިންގެ އުފެއްދުންތައް ގަންނަން މާލޭގެ ނޯތު ހާބަރު ސަރަހައްދުގައި ޚާއްސަ މަރުކަޒެއް ހުޅުވުމަށް ނިންމައިފަ އެވެ.
އަމްރު ވިދާޅުވީ ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުން މަދުވެގެން އުޅޭ މައިގަނޑު ސަބަބަކީ އެ ގަންނާނެ ކަމުގެ ޔަގީން ކަމެއް ނެތުމެވެ..
އަގުތައް ކަނޑައެޅުމުގައި ހުރިހާ ގޮތަކުން ދަނޑުވެރިންނަށް ފައިދާވާ ގޮތަށް ވިސްނާފައި ވާނެ ކަމަށާއި ރަށްރަށުން އެ ތަކެތި މާލެ ފޮނުވުމާއި ދަނޑު ހައްދަން ދާ ހަރަދުތަކަށް ވެސް އެސްޓީއޯ އަށް އުފެއްދުންތައް ގަންނަން އިރު ބަލާނެ ކަމަށް އަމްރު ވިދާޅުވި އެވެ.
ދަނޑުވެރިކަމުގެ އުފެއްދުންތައް އެސްޓީއޯ އަށް ގަންނަތާ ދެ ދުވަހުގެ ތެރޭގައި އޮންލައިންކޮށް ފައިސާ ލިބޭނެ ކަމުގެ ޔަގީން ކަން އަމްރުވަނީ ދެއްވާފައެވެ.
”މީގެ ކުރިން ދަނޑުވެރިން އެ ހައްދާ މޭވާއެއް ނުވަތަ ތަރުކާރީއެއް ނުވަތަ އެނޫންވެސް އެއްޗެއް ހައްދަން ފެށުމުގެ ކުރިން އެއަށް ލިބޭނެ އަގެއް ނޭނގޭނެ. އަދި ރަނގަޅު އަގެއް ނުލިބޭތީ ގިނަ މީހުން މިކަން ކުރަންވެސް ބޭނުން ނުވޭ. ދަނޑު ހައްދަން ވިސްނާއިރު ނޭނގޭ ކިހާވަރެއްގެ އާމްދަނީއެއް ކަން ލިބޭނީ. އަދި ހައްދާ ނިމުމުން ވެސް ލިބޭ އާމްދަނީއެއް ނޭނގޭ. އެހެންވީމާ އަޅުގަނޑުމެން ވިސްނީ ތިބޭފުޅުން ހައްދާށޭ، އަޅުގަނޑުމެން ގަންނާން. އަޅުގަނޑުމެން ކުރީބައިގައި އަގުތައް އިއުލާން ކުރުމުން ކުރީބައިގައި ލިބޭނެ އާމްދަނީ ވެސް އެނގޭނެ،“ އަމްރު ވިދާޅުވި އެވެ.
މީގެ އިތުރުން އަމުރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ހަނޑޫ ހައްދާފައިވާއިރު މިހާރުވެސް އެކަން ކުރެވޭނެ ކަމަށެވެ. ހަނޑޫ ހައްދާ ފަރާތްތަކުގެ އަތުން އެކުންފުންނިން ރަނގަޅު އަގެއްގައި ގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ގޮދަން ގަނެގެން ގޮދަން ފުށް އުފައްދަން މިހާރު މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމަށެވެ.
އަމްރު ވިދާޅުވީ މިދިޔަ އަހަރު ފެށުނީއްސުރެން ދަނޑުވެރިންކަން ކުރިއެރުވުމަށްޓަކައި ފިޝަރީޒް މިނިސްޓްރީ އާއި ގުޅިގެން ތަފާތު އެކި އެކި މަސައްކަތްތަށް ކުރެވެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ރިސޯޓުތަކަށް ދަނޑުވެރިން ހައްދާ އުފެއްދުތައް ފޯރުކޮށްދިނުމަށް އއ. ތޮއްޑޫގައި އެކަމަށް ހާއްސަ ސެންޓަރެއް ގާއިމްކޮށް މިއަހަރު މެއި މަހުގެ އެއްވަން ދުވަހު ހުޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަނޑު ހައްދައި އެ ތަކެތި އެސްޓީއޯ އަށް ވިއްކަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓަރީވުމުން ކޮންމެ ދަނޑުވެރިއަކަށް ޚާއްސަ އައިޑެންޓިފިކޭޝަނެއް ލިބޭނެ އެވެ.
އެސްޓީއޯގެ ދަނޑުވެރިއަކަށް ވުމަށް ރަޖިސްޓަރީ ވުުމަށް އެދި ހުށަހަޅާ ފޯމު އެ ކުންފުނީގެ ފިހާރަތަކުންނާއި ފާމަސީތައް އަދި އޮންލައިންކޮށް ވެސް ލިބެން ހުންނާނެ އެވެ.

