ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަފާ ދޭނީ ރާއްޖޭގެ އިގްތިސާދީ މިސްރާބު ބަދަލުކޮށްލުމަށް: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދޭނީ ރާއްޖޭގެ އިގްތިސާދީ މިސްރާބު ބަދަލުކޮށްލުމުގެ ލަފައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި ކުރެވޭނެ ކިތަންމެ މަސައްކަތެއްގެ ވިސްނުން މަޖިލީހުގެ މެމްބަރުންގެ އެބަހުރި ކަމަށެވެ.

ނަޝީދު ވިދާޅުވީ ސްޓިމިއުލަސް ޕެކޭޖް ތެރެއިން މާލީ އެހީ ދޭންވީ މި ހާލަތުން އަރައިގަތުމުގެ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

ރާއްޖެ އާއި އެހެން ގައުމުތަކަށް މިހާރު ކުރިމަތިވެފައި އޮތް ހާލަތުގައި އެކަމުން އަރައިގަތުމަށް ރާއްޖޭގައި މަހުން އުފައްދާ ތަފާތު ބާވަތްތަކާއި ދަނޑުވެރިކަމާއި ފަރުނީޗަރު އުފެއްދުން ފަދަ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށާއި އަދި އެކަމުން އަރައި ގަންނާނެ ގޮތްތަކެއް ރާވަންޖެހޭ ކަމަށެވެ.

ރައްޔިތުންގެމަޖިލީހުގެ ކޮމިޓީ ތަކުގައިވެސް އިގްތިސޯދީ ހީނަރުކަމުން ރާއްޖެ އަރައިގަންނާނެ ގޮތްތައް ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ފަތުރުވެރިން ރާއްޖެ އަންނާނެ ދުވަހެއް ހޯދުމަށްޓަކައި ކަމާއި ގުޅުންހުރި މާހިރުންނާއި އެކީ މަސައްކަތް ކުރުން ހިމެނޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ވަޒީފާ ގެއްލޭ މީހުންނަށް ވެސް ފައިސާ ދޭންވީ އެހެން މަސައްކަތެއް ކުރުމަށް ކަމަށާއި ފައިސާ ދޭންވީ މަސައްކަތް ނުކޮށް ގޭގައި ތިބުމަކަށް ނޫން ކަމަށެވެ.

”ފައިސާ ދޭންވީ އެހެން މަސައްކަތެއް ކުރުމަށް، އަދި އެއީ ގަހެއް އިންދިޔަސް އަދި ދާންޏެއް އިންދިޔަސް، ގޮނޑިއެއް ޖެއްސަސް، އަޅުގަނޑުމެން ދެކެނީ، މެމްބަރުން ދެކެނީ ފަރުނީޗަރު އިމްޕޯޓް ކުރުން ހުއްޓައިލަން ޖެހޭ ކަމަށް، މެމްބަރުންގެ ވިސްނުމަކީ އެ ސެޓް، އެ ހަރުމުދާ އެހެން އުފެއްދުމަކަށް ނެރެވެން ޖެހޭނެއޭ“ ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހަދަނީ ވިޔަފާރީގެ ގޮތުން އެއް ހަމަ ގައުމުތަކުގައި މެދުގައި ކަމަށެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖެ އާއި ޗައިނާއާދެމެދު ވިޔަފާރީގެ ގޮތުން ބޮޑު ފަރަގެއް ހުރުމުން އެފްޓީއޭ ތަންފީޒު ކުރުމުން ރާއްޖެއަށް ކުރާނެ ގެއްލުން ބޮޑުވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ބައެއް އިމްޕޯޓް ޑިޔުޓީ ހިއްސާ ކުރާއިރު، އެފްޓީއޭއަށް އަމަލު ކުރަން ފަށައިފިނަމަ އެ އާމްދަނީ ގެއްލިގެން ދިޔުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

”އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ރާއްޖެއަށް ބޭރުން ގެންނަ ހުރިހާ މުދަލެއް ޗައިނާ އިން ގަންނަން ފަށާނެ. ދެން އެހެން ގައުމުތަކުން އަޅުގަނޑުމެން ގަންނަ އެއްޗެހިވެސް ނުގަންނާނެ، އެއީ އެ ގައުމުތަކުން ލިބޭވަރަށްވުރެ މާ އަގު ހެޔޮކޮށް ޗައިނާ އިން ލިބެން ފަށާނެ. އަޅުގަނޑަށް ފެންނަ ގޮތުގައި އިމްޕޯޓް ޑިޔުޓީގެ އާމްދަނީވެސް އަޅުގަނޑުމެންނަށް ގެއްލިގެންދާނެ“ ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމަށް ގިނަ މަޝްވަރާތަކަށް ފަހު އެއްބަސްވުމެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެކަމަށް ވަނީ މަޖިލީހުން ރުހުން ދީފައެވެ.

ޗައިނާއާއެކު ރާއްޖޭން ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ވަގުތުން ތަންފީޒު ކުރުމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދާދި ފަހުން ގޮވާލައްވާފައެވެ. ސައީދު ވިދާޅުވީ މިއީ ރާއްޖެއާ ޗައިނާ ދެމެދު ގާއިމްކުރެވުނު ފްރީ-ޓްރޭޑް އެގްރީމަންޓް ވަގުތުން ތަންފީޒު ކުރަންވީ ވަގުތެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: