މި މހުގެ18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު ފަސް ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބިލްގެ ބަހުސް އަންނަ ހަފްތާގައި ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެއެވެ.
ރައްޔިތުންގެ މަޖިލީޙުގެ އިދާރާގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އިންތިހާބު ފަސް ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ މަސައްކަތް އަވަސް ކުރުމަށް މަޖިލީހުގެ ކައުންސެލް ޖެނަރަލްއާއި އަދި މަޖިލީހުގެ އަމީންއާންމު ވެސް ލަފާ ދެއްވާފައޮވާ ކަމަށާއި އެހެން ކަމުން ހޯމަ ދުވަހުގެ ޖަލްސާގައި ބިލްގެ ފުރަތަމަ ކިޔުން އިއްވައި ބިލްގެ ބަހުސް ވެސް ކުރިއަށްދާނެ ކަމަށެވެ.
އިންތިހާބާ ގުޅޭ ބިލް މިހާރު ވަނީ މަޖިލީހަށް ލިބިފަ، ހޯމަ ދުވަހު އިރާދަ ކުރެއްވީޔާ އަޅުގަނޑުމެން ބަހުސް ފަށާނަން، ފުރަތަމަ ކިޔުން އޮންނާނެ، ދެން މަޖިލީހުގެ ކައުންސެލް ޖެނަރަލް ވެސް އަމީންއާންމު ވެސް އެބަ ވިދާޅުވޭ ބިލްގެ މަސައްކަތް އަވަހަށް ގެންދަން ޖެހޭނެ ކަމަށް، އެއީ އިންތިހާބުގެ ތާރީހު އެހެން އޮތުމާއިއެކުގަ ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންތިހާބު ފަސްކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ ބިލްގައިވާ އެއްވެސް މައުލޫމާތެއް އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެ މައުލޫމާތުތައް އެނގިވަޑައިގަންނަވާނީ މެމްބަރުންނަށް ކަމަށެވެ. އަދި ވިދާޅުވީ މިވަގުތު ގިނަ މެމްބަރުންގެ ވިސްނުން ހުރި އިންތިހާބު ފަސް ކުރުމަށް ކަމަށާއި އަދި ސަރުކާރުން ވެސް ބޭނުން ވަނީ އިންތިހާބު ފަސް ކުރަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާން ވިދާޅުވީ އިންތިހާބާއި ގުޅޭ ގޮތުން ދެގޮތަކަށް ވިސްނިދާނެ ކަމަށާއި އެއީ ޑޮކްޓަރުންގެ ލަފާގެ މަތިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށާއި އަދި އެ ނޫން ވެސް ގޮތްތަކެއް ހޯދައިގެން ގާނޫނީ ދައުލަތް ހިންގުން ކަމަށެވެ. ނަމަވެސް މިވަގުތު ހާލަތު ހުރިގޮތަށް ބަލާއިރު އިންތިހާބު ބޭއްވިދާނެ ކަމަށް އެމަނިކުފާނަށް ވެސް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބު ފަސްކުރުމާއި ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ”ސަންގު“ އަށް މައުލޫމާތު ދެމުން ވިދާޅުވީ އިންތިހާބު ފަސް ކުރަން އީސީން ބޭނުންވާ ގޮތް މަޖިލީހާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އިންތިހާބު ފަސް ކުރަން ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހު ވާން ޖެހޭނީ އިންތިގާލީ އިސްލާހަކަށް ކަމަށާއި ކައުންސިލް އިންތިހާބު ބޭއްވުމަށް ފަހު އިސްލާހު ބާތިލްވާން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ ފަސް ކަރަން ނިންމާފައި ވަނީ ކައުންސިލް އިންތިހާބު ނޫން ކަމަށާއި ފަސް ކުރަނީ ކައުންސިލް އިންތިހާބުގައި ވޯޓުލާ ތާރީޙު ކަމަށެވެ. އެހެން ކަމުން ގާނޫނަށް އިސްލާހު ގެންނައިރު އިންތިހާބުގައި ވޯޓުލާނެ ތާރީހު ކަނޑައެޅމުގެ ބާރާއި އިންތިހާބާއި ގުޅިގެން ދެން ކުރަން ޖެހޭ ކަންކަން ކުުރުމަށްޓަކައި ކަނޑައަޅަން ޖެހޭ ތާރީހުތައް ކަނޑައެޅުމުގެ ބާރު ވެސް އީސީއަށް ދޭން ކޮމިޝަނުން ހުށަހަޅާފައިވާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.
އިތުބާރު ހުރި މަސްދަރުތަކުން ”ސަންގު“ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ކައުންސިލް އިންތިހާބު ދެން ބާއްވާނީ އަންނަ އަހަރު ކަމަށާއި އެގޮތުން އިންތިހާބު ފަސް ކުރާނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

