ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ވަރުގަދަ އޮޕަރޭޝަންތަކުގައި 2.3 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިއްޖެ: ރައީސް

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ކުރިއަށްގެންދާ ވަރުގަދަ އޮޕަރޭޝަންތަކުގައި މިހާތަނަށް 2.3 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ ”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިއްސާކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 1،313 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އަތުލައިގަނެވުނު މި ތަކެތީގެ މަގުމަތީ އަގު 2.32 ބިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ތަފާސްހިސާބުތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މި މައްސަލައަށް ކުރިމަތިލަނީ ދެ އަމާޒެއް އިސްކޮށްގެން ކަމަށެވެ. އެއީ ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް ޓަކައި ރީހެބިލިޓޭޝަންގެ މަސައްކަތްތައް ފުޅާކުރުމެވެ. މީގެ އިތުރުން، ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލައަކީ ވޭތުވެދިޔަ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އުފެދިފައިވާ ބޮޑު މައްސަލައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”މިއީ 30 އަހަރަށްވުރެ ގިނަ ދުވަހު އުފެދި ބޮޑުވެފައިވާ މައްސަލައެއް. މިއީ އެއްވެސް ހާލެއްގައި އެއް ރެއަކުން ހައްލުކުރެވޭނެ ކަމެއް ނޫން.“

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ވަނީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން 38,834 ފަހަރަކު މީހުން ހުއްޓުވައި ފާސްކޮށްފައެވެ. އަދި މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރާ ނެޓްވޯކްތަކަށް އަމާޒުކޮށްގެން 467 އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ.
މި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުންހުރި 2,588 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން 420 މީހަކު ރީހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ފޮނުވާފައިވާއިރު، މިއީ ގާނޫނު ތަންފީޒުކުރުމާއި ފަރުވާދިނުމުގެ މެދުގައި ސަރުކާރުން ގެންގުޅޭ ހަމަހަމަ ސިޔާސަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ސިޔާސަތަކީ ހަމައެކަނި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމެއް ނޫން. އޭގެ ބަދަލުގައި، މި ވަބާގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެ، އެމީހުންނަކީ މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހަދައި އަނބުރާ ގެނައުން.“

މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ 402 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށާއި، ބޮޑެތި ކުށްވެރި ރޭވުންތައް ހިންގާ 4 ’ޑްރަގް ކާޓެލް‘ އެއް މިހާތަނަށް ރޫޅާލެވިފައިވާކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވޭ މަސައްކަތުގެ ދަށުން، 1,789 މައްސަލައެއް ވަނީ ދައުވާކުރުމަށް ޓަކައި ފޮނުވާފައެވެ.

ކުށް ކުރާ ފަރާތްތަކަށް އަދަބު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ވެސް، ރައީސް މުޢިއްޒު ބާރުއެޅުއްވީ ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ މައްޗަށެވެ.

”ފަރުވާ ހޯދާ މީހާގެ ދަތުރު ރީހެބިލިޓޭޝަން ސެންޓަރަކުން ނިމިގެން ނުވާނެ. އެކަން މުޖުތަމައުގެ ތެރެއިން ވެސް ކުރިއަށް ދާންޖެހޭނެ.“

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި ފަރުވާދޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ތިން ރަށެއްގައި ހާއްސަ ރީހެބިލިޓޭޝަން ސެންޓަރުތައް އެޅުމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. މި ސެންޓަރުތަކުގެ މަގުސަދަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން މަސައްކަތްކުރާ ފަރާތްތަކަށް ދިގުމުއްދަތުގެ އެހީތެރިކަން ފޯރުކޮށްދީ، ކާމިޔާބުކަމާއެކު އެމީހުން މުޖުތަމައަށް ބައިވެރިކުރުވުމެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ތަކުރާރުކުރެއްވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި ރޭވުންތެރިކަމާއެކު މިފަދަ ކުށްތައް ކުރާ ގްރޫޕްތަކަށް ގާނޫނުގެ އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް، ދާއިމީ ހައްލެއް ހޯދުމަށް ޓަކައި ގާނޫނު ތަންފީޒުކުރުމާއެކު ފަރުވާގެ މަސައްކަތްތައް ވެސް އެއްވަރަކަށް ކުރިއަށްދާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: