އިންޝުއަރެންސްގެ ހިދުމަތްދޭ ކުންފުންޏެއް ނުވަތަ މާލީ އިދާރާއެއްގެ ހިއްސާދާރަކަށް ވުމަށް އެސްޖޭ ކޮންސްޓްރަކްޝަންގެ ހިއްސާދާރު ޝިހާދު އިބްރާހިމްގެ ޝަރުތުހަމަނުވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލުކޮށްފިއެވެ.
މޯލްޑިވް އިންޝުއަރެންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ބޭނުންވާ ހުއްދަތައް ހޯދުމަށް އެމްއެމްއޭއަށް ހުށަހެޅުމުން، އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އެއް ހިއްސާދާރު ކަމަށްވާ ޝިހާދު އަކީ އިންޝުއަރެންސްގެ ހިދުމަތްދޭ ކުންފުންޏެއްގެ އަދި މާލީ އިދާރާއެއްގެ ހިއްސާދާރެއްގެ ކިބައިގައި ހުންނަން ޖެހޭ ”ފިޓް އެންޑް ޕްރޮޕަރ“ ޝަރުތުހަމަނުވާ ފަރާތެއް ކަމަށް އެމްއެމްއޭއިން ވަނީ ސިޓީއަކުން އެ ކުންފުންޏަށް އަންގައިފައެވެ.
އެމްއެމްއޭގެ އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޝިހާދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ޖުޑީޝަލް ރިވިއުގެ ދައުވާގައި ބުނެފައިވަނީ، އޭނާ އަކީ އިންޝުއަރެންސްގެ ހިދުމަތްދޭ ކުންފުންޏެއްގެ އަދި މާލީ އިދާރާއެއްގެ ހިއްސާދާރެއްގެ ކިބައިގައި ހުންނަން ޖެހޭ ”ފިޓް އެންޑް ޕްރޮޕަރ“ ޝަރުތުހަމަނުވާ ފަރާތެއް ކަމަށް އެމްއެމްއޭއިން ކަނޑައަޅާފައިވަނީ ”ފިޓް އެންޑް ޕްރޮޕަރ“ ޝަރުތުހަމަވޭތޯ ބަލަން އެމްއެމްއޭއިން ކަނޑައަޅާފަައިވާ ގައިޑްލައިނާ ހިލާފަށް ކަމަށެވެ.
ޝިހާދުގެ ޝަރުތުހަމަނުވާ ކަމަށް އެމްއެމްއޭއިން އެންގި ސިޓީގައި ބުނެފައިވަނީ އޭނާ އެމްއެމްއޭގެ އިސް ފަރާތަކަށް ނުފޫޒުފޯރުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ޝިހާދަކީ އެފަދަ ހިދުމަތް ދޭ ކުންފުންޏެއްގެ ހިއްސާދާރަކަށް ވުމަށް ގާބިލުކަމާއި ނަޒާހަތްތެރިކަން ނެތް ފަރާތެއް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
ޝިހާދުގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އޭނާ އަކީ އެމްއެމްއޭގެ ގައިޑްލައިންގައި ހިމެނޭ އެއްވެސް ޝަރުތެއް އުނިވާ ފަރާތެއް ނޫން ކަމަށެވެ. އަދި ފުލުހުންގެ ރެކޯޑެއް ވެސް ނޯންނާނެ ކަމަށާއި، ތަހުގީގީ އިދާރާއެއްގައި ވެސް އޭނާގެ މައްސަލައެއް ނޯންނާނެ ކަމަށް ބުނެފައިވެއެވެ. ރެކޯޑެއް އޮތްނަމަ އެކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ ވެސް އެމްއެމްއޭގެ މައްޗަށް ކަން ފާހަގަކޮށްފައިވެއެވެ.
ސިވިލް ކޯޓުން ބެލި މައްސަލައިގައި ފާހަގަކޮށްފައިވަނީ، ޝިހާދުގެ ޝަރުތުހަމަނުވާ ކަމަށް އެމްއެމްއޭއިން ނިންމީ ގައިޑްލައިންގެ ކޮން މާއްދާއެއްގެ ދަށުން ކަމެއް އަދި އެ ނިންމުުމުގެ ފަހަތުގައި ވަނީ ކޮން ގާނޫނީ އަސާސެއް ކަމެއް އެމްއެމްއޭއިން އަންގާފައިނުވާ ކަމެވެ. އަދި އެމްއެމްއޭއިން ހަވާލާދެނީ ގައިޑްލައިންގެ ކޮން މާއްދާއަކަށް ކަން އޭނާއަށް އެނގުނީ ވެސް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއިން އެމްއެމްއޭގެ ފަރާތުން ފާހަގަކުރި ކަންކަމުން ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ވަނީ، ޝިހާދުގެ ޝަރުތުހަމަނުވާ ކަމަށް ނިންމީ، އިންޝުއަރެންސްގެ ހިދުމަތްދޭ ކުންފުންޏެއްގެ ހިއްސާދާރެއްގެ ހުންނަން ޖެހޭ ”ފިޓް އެންޑް ޕްރޮޕަރ“ ޝަރުތުތައް ހަމަވާ ފަރާތްތައް ކަނޑައެޅުމާ ބެހޭ އެމްއެމްއޭގެ ގައިޑްލައިންގެ ކޮން މާއްދާއެއްގެ ދަށުން ކަމެއް ޝިހާދަށް އެންގުމަކީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ)ގެ ދަށުން އެމްއެމްއޭގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި އެ ނިންމުން ނިންމުމުގައި ގާނޫނުއަސާސީން ޝަކްލީ ގޮތުންނާއި އިޖުރާއީ ގޮތުން އެމްއެމްއޭގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންތައްތަކަށް އެ އިދާރާއިން ތަބާނުވާ ކަމަށް ހުކުމުގައިވެއެވެ.
އެހެންކަމުން ޝިހާދުގެ ޝަރުތުހަމަނުވާ ކަމަށް ނިންމި ނިންމުން ނިންމާފައިވަނީ އެމްއެމްއޭގެ ގައިޑްލައިނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލުކުރަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި މައްސަލަ ސިވިލް ކޯޓުގައި ބެއްލެވީ ގާޒީ ޒުލައިހާ ޝީޒާއެވެ.
ރާއްޖޭގައި އިންޝުއަރެންސް ކުންފުންޏެއް ނުވަތަ އެހެން މާލީ އިދާރާއެއް އުފައްދާނަމަ އެކަމަށް ބޭނުންވާ ހުއްދަ ހޯދަން ޖެހެނީ އެމްއެމްއޭއިންނެވެ.

