ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން ރިސޯޓްތައް ވެސް އޮޑިޓްކުރަންޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށެވެ. އަދި ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރަކީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަންޖެހޭ އެއްޗެއް ކަމަށާއި، އެކަން ކަށަވަރުކުރުމަށް ޓަކައި މިހާރު ވަރަށް ބޮޑަށް މޮނިޓާކުރަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑޮލަރު ލިބުން ދަތިވާ މައްސަލާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (އިންކަމް ޓެކްސް) ހޯދުމަކީ މީރާގެ ޒިންމާއެއް ނަމަވެސް އެ ޓެކްސް ނުދައްކާ ރިސޯޓްތައް ގިނަ ކަމަށެވެ.
”އަޅުގަނޑުމެންނަށް މީރާއިން ޝެއާކޮށްފައިވާ ހިސާބުން، 185 ރިސޯޓްގެ ތެރެއިން ގާތްގަނޑަކަށް 50 ރިސޯޓެއް އިނގޭތޯ އިންކަމް ޓެކްސް ޕޭކުރަނީ. އިންކަމް ޓެކްސް ޕޭކުރަނީ އެންމެ 50 ވަރަކަށް ރިސޯޓުން. އޭގެ މާނައަކީ ކޮބައިތޯ، އެއް ގޮތަކީ ފައިދާއެއް ނުވުން ނޫނީ ކޮންމެވެސް ކަހަަލަ މައްސަލަތަކެއް އެބައުޅޭ ނޫންތޯ،“ ގަވަރުނަރު
އޭނާ އިތުރަށް ވިދާޅުވީ، މީރާއިން ހަމައެކަނި ކުދި ވިޔަފާރިތަކަށް ނުވަތަ ކަންމަތީ ފިހާރަތަކަށް ދިއުމުގެ ބަދަލުގައި، ރިސޯޓްތަކުގެ ހިސާބުތައް ވެސް ރަނގަޅަށް އޮޑިޓްކޮށް ބަލަންޖެހޭ ކަމަށެވެ.
ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނަމަ އެއީ ދިވެހި ރައްޔިތުންގެ ބޭނުންތަކަށް ފުދޭވަރުގެ އަދަދެކެވެ. އެހެންކަމުން އެ ޑޮލަރުތައް ބޭންކިން ނިޒާމަށް ވެއްދުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތައް އަންނަ އަހަރު އިތުރަށް ހަރުކަށި ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަންކަން މޮނިޓާނުކުރެވޭނަމަ، އެ ފައިސާ ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ދައުރުނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި ފިޔަވަޅުތަކާއެކު ވެސް ޑޮލަރުގެ ދަތިކަމަށް ހައްލެއް ހޯދުމަކީ އެއް ދުވަހުން ނުވަތަ ކުއްލިއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މުނައްވަރު ވިދާޅުވިއެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ޓަކައި އެކްސްޗޭންޖް ރޭޓް ފްލޯޓްކޮށްލަން (މާކެޓް އަގަށް ދޫކޮށްލަން) ބައެއް ފަރާތްތަކުން ވަކާލާތު ކުރި ނަމަވެސް، ގަވަރުނަރު ވަނީ އެކަމާ މެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، އެއީ ކުރެވޭނެ ކަމެއްނަމަ ކުރީގެ އެއްވެސް ސަރުކާރަކުން އެކަން ނުކޮށް ދޫކޮށްނުލާނެ ކަމަށެވެ. އަދި މިހާރުގެ ހާލަތުގައި ޑޮލަރު ރޭޓް ފްލޯޓް ނުކުރެވޭނެ މައިގަނޑު ސަބަބަކީ ބާޒާރުގައި ޑޮލަރުގެ އަގު ކަނޑައަޅާ މައިގަނޑު ބާރަކީ ބްލެކްމާކެޓް ކަމަށް ވެފައި އޮތުމުން ކަމަށް ވެސް ގަވަރުނަރު މުނައްވަރު ފާހަގަކުރެއްވިއެވެ.

