މަނީ އެކްސްޗޭންޖަރުން އެމްއެމްއޭގެ އޮންލައިން ސިސްޓަމެއް ބޭނުންކުރަން ޖެހޭ ގޮތް ހަދައިފިއެވެ.
އެމްއެމްއޭ އިން މަނީ ޗޭންޖިންގ ވިޔަފާރިކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމުގެ ގޮތުން ”މަނީ ޗޭންޖަރ ސިސްޓަމް“ އެއް ވަނީ އިފްތިތާހުކޮށްފައެވެ.
މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ. މިއީ މަނީ ޗޭންޖިންގ ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޑިޖިޓަލްކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.
މި ސިސްޓަމްގެ ސަބަބުން، އިދާރީ މަސައްކަތްތައް އޮޓޮމޭޓްކުރެވި، އެމްއެމްއޭ އާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސްވެ ފަސޭހަކަމާއެކު ކުރެވިގެންދާނެއެވެ. އަދި މުއާމަލާތްތައް ރިކޯޑްކުރުމަށާއި ރިޕޯޓްކުރުމަށް ވެސް ފަސޭހަވެގެންދާނެއެވެ. އެގޮތުން، މި ސިސްޓަމް މެދުވެރިކޮށް ގަވާއިދުން ފޮނުވަންޖެހޭ މައުލޫމާތުތައް ހިއްސާކުރުމުގެ އިތުރުން، ފައިސާ މާރުކުރުމުގެ މުއާމަލާތްތަކުގެ ރިޕޯޓުތައް ހުށަހެޅޭނެއެވެ.
މީގެ ސަބަބުން މި ދާއިރާގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބި މާލީ ދާއިރާ އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
1 ޑިސެމްބަރު 2026 އިން ފެށިގެން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކަކުން ވެސް މުއާމަލާތްތައް ރެކޯޑްކޮށް ރިޕޯޓްކުރުމަށް ބޭނުންކުރާނީ މި ސިސްޓަމް ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

