މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތަށް، އެއްވެސް ގޮތަކަށް ބޭރު ފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް އާންމުކޮށްފިއެވެ.
އެމްއެމްއޭއިން އާއްމުކޮށްފައިވާ ލިސްޓުގައި ވަނީ ބޭރު ފައިސާ ގާނޫނާ އެއްގޮތަށް ޑޮލަރު މާރުނުކުރަނީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް މާރުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިހާތަނަށް އެމްއެމްއޭގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް ފަހު ފުރުސަތު ދޭކަމަށް ވެސް ބުނެފައިވެއެވެ. އެމްއެމްއޭއިން ބުނެފައިވަނީ ގޮތުގައި ގިނަ ރިސޯޓުތަކުން އަންނަނީ ގާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންނެވެ.
އެމްއެމްއޭއިން އާއްމުކޮށްފައިވާ ކޮމްޕްލަޔަންސް ރިޕޯޓުން ދައްކާގޮތުން 78 ޕަސެންޓް ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުމުގެ ކަންތައްތައް ކުރިއަށް ނުގެންދަނީ 20 ޕަސެންޓް ރިސޯޓުން ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
މި 20 ޕަސެންޓް ތެރެއިން ގިނަ ރިސޯޓްތަކުން އެކި ސަބަބުތަކާ ގުޅިގެން ކޮންސެޝަނެއް ދިނުމަށް އެދިފައިވީ ނަމަވެސް އެ ފަރާތްތަކުން ވެސް ކަނޑައެޅިފައިވާ އުސޫލުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

