ޒިންމާ އަދާކުރުމުގައި ވިޔަފާރީގެ ކުޑަ ބޮޑުމިނަކަށް ނުބަލާ ކަމަށާއި ގާނޫނު ހަމަހަމަކޮށް ތަންފީޒުކުރުމަކީ މީރާއިން ފެށުނީއްސުރެންވެސް އަމަލުކުރަމުން އަންނަ އުސޫލު ކަމަށް ބުނެ، އެ އޮތޯރިޓީން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރަށް ރައްދު ދީފިއެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އިއްޔެ ގަވަރުނަރު ވިދާޅުވެފައިވަނީ، ކަންމަތީ ފިހާރަތައް އޮޑިޓްކުރަން އިސްކަން ދިނުމުގެ ބަދަލުގައި ރިސޯޓުތައް އޮޑިޓްކުރަން މީރާއިން އިސްކަންދޭންޖެހޭ ކަމަށެވެ. ބީޕީޓީ ނުވަތަ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ހޯދުމަކީ މީރާގެ ޒިންމާއެއް ކަމަށް ވިޔަސް އެ ޓެކްސް ނުދައްކާ ރިސޯޓްތައް ގިނަކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.
އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މީރާއިން ފާހަގަކުރީ، ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ހިސާބުކުރަމުން ދަނީ ޓެކުހުގެ ގާނޫނުތަކާ އެއްގޮތަށްތޯ ބެލުމާއި، ޓެކްސް ގާނޫނާއި އެއްގޮތަށް ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޒިންމާ އަދާކުރާކަން ކަށަވަރުކުރުމަކީ މީރާ އިން އަދާކުރަމުންދާ ގާނޫނީ ޒިންމާއެއް ކަމަށެވެ.
މީރާއިން ބުނީ އެ ޒިންމާ އަދާކުރުމުުގައި ވިޔަފާރީގެ ބާވަތާއި ކުޑަބޮޑުމިނަށް ބެލުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުގެ މެދުގައި ގާނޫނު ހަމަހަމަކޮށް ތަންފީޒުކުރުމަކީ މީރާއިން ފެށުނީއްސުރެ އަމަލުކުރަމުން އަންނަ އުސޫލު ކަމަށެވެ. އަދި މީރާގެ މަސައްކަތްތަކަކީ ކަނޑައެޅިފައިވާ ސްޓްރެޓީޖިކް ޕްލޭނެއްގެ ދަށުން ރޭވިގެން، އާންމު ކުރެވިފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނަކާ އެއްގޮތަށް ކުރަމުންދާ މަސައްކަތެކެއް ކަމަށް ބުނެފައިވެއެވެ.
”މި ޒިންމާ އަދާކުރުމުގައި ވިޔަފާރީގެ ބާވަތާއި ކުޑަބޮޑުމިނަށް ބެލުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުގެ މެދުގައި ގާނޫނު ހަމަހަމަކޮށް ތަންފީޒުކުރުމަކީ މީރާއިން ފެށުނީއްސުރެންވެސް އަމަލުކުރަމުންދާ އުސޫލެވެ. އަދި މީރާގެ މަސައްކަތްތަކަކީ ކަނޑައެޅިފައިވާ ސްޓްރެޓީޖިކް ޕްލޭނެއްގެ ދަށުން ރޭވިގެން، އާންމު ކުރެވިފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނަކާ އެއްގޮތަށް ކުރަމުންދާ މަސައްކަތެކެވެ.“
މީރާއިން އޮޑިޓްކުރަން ކަނޑައަޅާ ފަރާތްތަކަކީ ”ރިސްކް ބޭސްޑް“ އުސޫލުގެ މައްޗަށް އިންތިޒާމު ކޮށްފައިވާ، ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހަމަހަމަ އުސޫލުތަކަކުން އޮޑިޓް ކުރުމަށް ހޮވޭ ފަރާތްތަކެއް ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ. އެގޮތުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އެނޫން ދާއިރާތަކުގެ ވިޔަފާރިތައްވެސް އޮޑިޓް ކުރަމުންދާ ކަމާއި މީރާއަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ލިބެމުންދަނީ ޓޫރިޒަމް ދާއިރާއިންކަންވެސް މީރާއިން ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން މީރާއިން ބުނެފައިވަނީ، ޓެކްސް ނިޒާމުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ލުއި އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން ހިސާބު ބެލެހެއްޓުމާއި، އޮޑިޓް ކުރުމާއި ޓެކްސް ބަޔާން ހުށަހެޅުމުގައި ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދީފައިވާ ކަމަށް ބުނެފައިވެއެވެ.
އެ އޮތޯރިޓީން ބުނީ، މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ވިޔަފާރިތަކާ ގުޅިގެން، ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދީގެން ޓެކްސް ކޮމްޕްލަޔަންސް އިތުރުކުރުމުގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން މީރާއިން ފަޔަވަޅު އަޅަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

