ބޭންކް އޮފް މޯލްޑިވްސް އާއި މާސްޓަރކާޑު ގުޅިގެން، 100,000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ތެރޭގައި އަލަށް ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ގުރުއަތުން ހޮވިގެން އިނާމުތައް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.
ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނުމަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، މާސްޓަރކާޑު ބޭނުންކޮށްގެން މަދުވެގެން 200 ރުފިޔާގެ މުއާމަލާތެއް ފުރިހަމަކުރަންޖެހޭނެ ކަމަށެވެ.
ކަސްޓަމަރުން ކުރާ ވިޔަފާރީގެ ހޭދަ އިތުރުކޮށްގެން ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތައް އިތުރުކުރެވޭނެއެވެ. އެގޮތުން ހަފުތާއަކު 1,000 ރުފިޔާ ހަރަދުކުރުމުން އިތުރު އެއް ފުރުސަތު ލިބޭނެއެވެ. އަދި މަހެއްގެ ތެރޭގައި 5,000 ރުފިޔާ ހަރަދުކުރުމުން ވެސް އިތުރު ފުރުސަތެއް ލިބޭނެއެވެ.
ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް، ކޮންމެ ފަރާތަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. މި ފައިސާ ސީދާ އެ ފަރާތްތަކުގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރެވޭނެއެވެ.
ބީއެމްއެލްއިން ބުނާ ގޮތުގައި، މާސްޓަރކާޑު ޑެބިޓް ކާޑަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށާއި ފައިސާ ނެގުމަށް ބޭނުންކުރެވޭނެ ކާޑެކެވެ. ރާއްޖޭގައި މި ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކު 25,000 ރުފިޔާއާ ހަމައަށް އަދި ޑޮލަރު އެކައުންޓްތަކުން 1,600 ޑޮލަރާ ހަމައަށް ފައިސާ ނެގޭނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބޭންކުން ދޫކުރާ މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުތަކަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން، ތަފާތު އެކި އިނާމުތަކާއި ހާއްސަ ފުރުސަތުތައް އެ ކާޑުން ލިބިދެއެވެ.

