ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހައުސިންގ މިނިސްޓްރީން 4 ވައިބަރ ކޮމިއުނިޓީއެއް އުފައްދައިފިއެވެ.
މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ވައިބަރ ކޮމިއުނިޓީތައް އުފައްދާފައިވަނީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ޚާއްޞަކޮށްގެންނެވެ. އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ 3 ވައިބަރ ކޮމިއުނިޓީއެއް ވަނީ އުފައްދާފައެވެ.
އެއީ:
- ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ ”ބިންވެރިޔާ ހުޅުމާލެ“ ވައިބަރ ކޮމިއުނިޓީ
- ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ ”ބިންވެރިޔާ ގުޅިފަޅު“ ވައިބަރ ކޮމިއުނިޓީ
- ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ ”ބިންވެރިޔާ ގިރާވަރުފަޅު“ ވައިބަރ ކޮމިއުނިޓީ
- ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޚާއްސަ ”ބޯހިޔާވަހިކަން އެންމެންނަށް“ ވައިބަރ ކޮމިއުނިޓީ
މި ވައިބަރ ކޮމިއުނިޓީތައް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ އިއުލާނުތަކާއި އަދާހަމަތައް ލިބިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފެށީ ޖޫން 22 ގައެވެ. މި މަސައްކަތައް އެކަށީގެންވާ ވަރުގެ މުއްދަތެއް ދީގެން ވެރިފިކޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ޕްލެޓަށް އެދި ހުޅުވާލި ފުރުސަތުގައި 58،505 ފޯމު ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއުން ފުލެޓަށް އެދި 35،930 ފޯމު ހުށައަޅާފައިވާއިރު ގޯއްޗަށް އެދި ހުށައަޅާފައިވަނީ 22،575 ފޯމެވެ. މިއީ މި ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލި 2 ވަނަ ފަހަރަށް ވާއިރު، އެންމެ ގިނަ ފޯމު ވެސް ހުށަހަޅާފައި ވަނީ މިފަހަރުއެވެ.
ކްރޮސް ވެރިފިކޭޝަންގެ މުއްދަތު މިހާރު ފެށިފައިވާއިރު، މި މުއްދަތުގައި ފޯމު ހުށައެޅި ފަރާތްތަކުގެ ޝަރުތުތައް ހަމަވޭތޯ ބަލާނެއެވެ. އެކަންކަން ކުރާނީ ސަރުކާރުގެ އެކި އިދާރާތަކުގައި ހުރި މައުލޫމާތަށް ބަލައިގެންނެވެ.

