ރާއްޖޭގައި މިވަގުތު ހިމަބިހި (މީސަލްސް) ފެތުރެމުންދާއިރު މިކަމުގައި ސަރުކާރުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މިހެން ވިދާޅުވީ, އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ހެލްތު މިނިސްޓަރު ގީލާ އަލީ އާއި ރާއްޖޭގައި މިހާރު ހަލުވި ސްޕީޑެއްގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމުގައި ސަރުކާރާއި ސިއްހީ ދާއިރާ ވަނީ ފެއިލްވެފައިތޯ މިނިސްޓަރާ ސުވާލުކުރުމުން މިނިސްޓަރ ގީލާ ޖަވާބު ދެއްވި ގޮތުން އެކަން ވަރަށް ސާފުކަމަށް ޝަމްހީދު ވިދާޅުވިއެވެ.
”ރާއްޖޭގައި ހިމަބިހި ފެތުރެމުންދާއިރު ސަރުކާރުގެ އެއްވެސް ކަންބޮޑުވުމެއް ނެތް. މިނިސްޓަރާއި ސުވާލު ކުރުމުން ދެއްވި ޖަވާބަކީ, އެވެސް ހިނގާ ކަމަކަށްވާއިރު ދެން އެ ބަލި އެއީ މާބޮޑު ކަމެއް ނޫނޯ, އަވަހަށް ޖެހޭ އެއްޗެކޭ, އެހެންވީމަ އަވަހަށް ރަނގަޅުވެސް ވާނޭ, އެއީ މިނިސްޓަރގެ މައިގަނޑު ޖަވާބަކީ،“ ޝަމްހީދު
މިނިސްޓަރގެ ޖަވާބުން އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް ނުފެންނަ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ނުރައްކާތެރި ބަލިތައް ފެތުރެމުންދާއިރު ސިއްހީ ދާއިރާއަށް ބަޖެޓުކޮށްފައިވާ ފައިސާ ހަރަދުނުކޮށް ހިފަހައްޓާފައި އޮތުމަކީ ބޮޑު ކަންބޮޑުވުމެކެވެ.
އެގޮތުން ސިއްހީ ދާއިރާގެ ތަރައްގީއަށް މިއަހަރު ބަޖެޓުކުރި 917 މިލިއަން ރުފިޔާގެ ތެރެއިން އަހަރުގެ މެދާ ހަމައަށް ދިޔައިރު ހަރަދުކުރީ އެންމެ 12 އިންސައްތަ ކަމަށާއި، ބާކީ 88 އިންސައްތަ ފައިސާއަށް ވީގޮތެއް ސަރުކާރަށް ސާފުކޮށްނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މައިގަނޑު ގޮތެއްގައި އިދިކޮޅުން ސާފުކުރަން ބޭނުންވާ މައުލޫމާތަކީ ދައުލަތުގައި ފައިސާ ނެތީތޯ ނުވަތަ ދައުލަތަށް ހެލްތު ސެކްޓަރ މުހިންމު ނުވަނީތޯ ކަމުގައި ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ބޮޑު ހޭދައެއް ކުރާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މައިގަނޑު ޒިންމާ އަދާނުކުރެވި، މަޖިލިސް ހުއްޓިފައި އޮތުމަކީ ގައުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.
ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހަށް ހެލްތު މިނިސްޓަރު ގީލާ ވަޑައިގެން ހިމަބިހި ރާއްޖޭގައި ކޮންމެވެސް ވަރަކަށް ފެންނަމުންދާކަމަށާއި އެހެންނަމަވެސް ހިމަބިހި ކޮންޓްރޯލް ނުކުރެވޭ ހާލަތެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ބައްޔަކީ ކުރު މުއްދަތެއްގެ ތެރޭގައި ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި، ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ކުރުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހަދުން ހިމަބިހީގެ އިތުރު 55 ކޭސް ވަނީ ފެނިފައެވެ. އެހެންކަމުން ޖުމްލަ ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަަދު 121 އަށް އަރާފައިވާއިރު މިހާތަނަށް ވެކްސިން ދެވިފައިވާ މީހުންގެ އަދަދު ވަނީ 5495 އަށް އަރައިފައެވެ.
ހިމަބިއްސަކީ ބަލި ޖެހިފައިވާ އެކަކުގެ ސަބަބުން 18 މީހުންނަށް މި ބަލި ޖެހިދާނެ ފަދަ ބައްޔެއް ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި މިހާރު ރާއްޖޭގެ ގިނަ މީހުންނަކީ ވެކްސިން ޖަހާފައިވާ މީހުން ކަމަށް ވުމުން ބަލި ޖެހިފައިވާ މީހުންނަށް މީގެ އަސަރު ކުޑަކަން ފާހަގަކޮށްފައިވެއެވެ.
ވެކްސިން ޖެހުމުގެ މަސައްކަތްތައްވެސް މިވަގުތު ކުރަމުންދާ ކަމަށާއި، އެގޮތުން ސިއްހީ ހިދުމަތްތެރިންނާއި ކުޑަކުދިންނަށް ވެކްސިން ދެމުންދާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ. އެޗްޕީއޭއިން ބުނެފައިވަނީ ޔުނިސެފުން ކުރިން 8000 ވެކްސިން އަދި އިންޑިއާއިން 20،000 ވެކްސިން ހަދިޔާކުރި ކަމަށެވެ. އެހެންނަމަވެސް ޔުނިސެފަށް އިތުރު ޑޯސްތައް ގެނައުމަށް ރިކުއެސްޓުކޮށްފައިވާ ކަމަށް އެ އޭޖެންސީން ވަނީ ބުނެފައެވެ.

