ކަނޑުމަތީގައި ދެ އުޅަނދު އެކްސިޑެންޓުވެ ހިނގިި ހާދިސާއެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ލީޖަން 1 ނަމަކަށް ކިޔާ ލޯންޗެއް ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކުރިކަމުގެ މައުލޫމާތު ލިބުނީ ރޭ 21:16 ހާއިރު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، ކަނޑުމަތިން ދެ އުޅަނދު ޖެހި ހިނގި އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު ވަނީ އެކްސިޑެންޓަށް ފަހު މަޑުނުކޮށް ގޮސްފައެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދިނުމަށް ފަސް މީހަކު އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ހާދިސާގެ އިތުރުން ވެސް އިއްޔެ ކަނޑުމަތީގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން، އިއްޔެ މާލެއިން ގދ. ތިނަދުއަށް ދަތުރުކުރަމުން ދަނިކޮށް ”ޖަޒީރާ“ ނަމަކަށް ކިޔާ ބޯޓެއް ވަނީ ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށް ގޮސްފައެވެ. އެ ބޯޓުން ދަތުރުކުރި ހަތަރު ބިދޭސީންނާއި ތިން ދިވެހީން ވަނީ ލޯންޗަކަށް އަރުވައި ސަލާމަތްކޮށްފައެވެ.

