އޮގަސްޓް ފަސް ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން ”ފްރެންޑް 4“ ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔައީ އަސްކަރީ ސަބްމެރިން ވެސް އޮޕަރޭޓު ނުކުރާ ފުންމިނަކަށް ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާއިރު، އެމްއެންޑީއެފްއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ ހާދިސާގައި ދޯނި އަޑިއަށްގޮސްފައިވަނީ ހުވަދޫ ކަނޑުގެ ތެރެއަށެވެ. ދޯނި އަޑިޔަށް ގޮސްފައިވާ ސަރަޙައްދުގެ ފުންމިނަށް ބަލާ އިރު، އެ ސަރަހައްދު 1600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭއިރު، އެއީ އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫންކަން އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ.
އެމްއެންޑީއެފްއިން ބުނީ ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް ސިފައިން ހުއްޓުމެއްނެތި ދަނީ ކުރަމުން ކަމަށެވެ. އެ ހާދިސާ ހިނގިތާ 8 ދުވަސް ފާއިތުވެގޮސްފައި ވާއިރު، ހާދިސާގައި ނުފެނިފައިވާ 3 މީހުން ހޯދުމަށް ޓަކައި 2026 އޮގަސްޓް 14ވަނަ ދުވަހުގެ 18:00ގެ ނިޔަލަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
އދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގެއްލޭ އުޅަނދުފަހަރާއި މީހުން ވައިގެ މަގުން ހޯދުމުގެ ޤާބިލުކަން އެމްއެންޑީއެފަށް ލިބިފައިވާތީ، އެ ހާދިސާ ހިނގި ވަގުތުން ފެށިގެން ”އަންމޭންޑް އޭރިއަލް ވެހިކަލް“ ބޭނުންކޮށްގެން ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ. އެ ޔޫއޭވީއަކީ އިންފްރާރެޑް ސެންސަރސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ޤާބިލުކަން ހުރި ޔޫއޭވީ ކަމުގައި ވާތީ، ހާދިސާ ހިނގި ރޭ ވެސް ޔޫއޭވީ ބޭނުންކޮށްގެން ހާދިސާ ހިނގި ސަރަޙައްދުން މީހުން ފެނޭތޯ މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ދޯނި އަޑިޔަށް ދިޔުމާ ގުޅިގެން ކަނޑުމަތިން އޮޔާދާ ގޯންޏާއި އެނޫންވެސް ޑެބްރީސްގެ ގޮތުގައި ބެލެވޭ އޮޔާދާ ތަކެތި ވަނީ ޔޫއޭވީގެ ސެންސަރތައް ބޭނުންކޮށްގެން ދެނެގަނެވިފައެވެ.
އޭގެ އިތުރުން އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރައްވާފައިވާ މަނަވަރު ”ކޯސްޓްގާޑް ޝިޕް އިމާދުއްދީން“ގެ އިތުރުން ކޯސްޓްގާޑުގެ އިންޓަރސެޕްޓަރ ކްރާފްޓްސްއާއި ހާބަރ ޕެޓްރޯލް ލޯންޗާއި އަދި ޕޮލިސް ލޯންޗުން ވަނީ މީހުން ހޯދުމަށް ޓަކައި އެ ސަރަޙައްދު ބަލާފައެވެ. އަދި ހުވަދޫ ކަނޑުގެ ދެކުނުން ގއ.އަތޮޅުގެ ފަރުތަކާއި ހުވަދޫ ކަނޑުގެ އުތުރުން ލ. އަތޮޅުގެ ފަރުތައް ވެސް ވަނީ މިހާރު ބަލާފައެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދޯނި އަޑިޔަށް ދިޔަ ސަރަހައްދާއި، އޮޔާއި ވަޔަށް ބަލައިގެން މީހުން އޮޔާދާނެ ކަމަށް ބެލެވޭ މިސްރާބަށް ބަލައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދުގެ ވަރަށް ބޮޑު ބައެއް ވަނީ ބެލިފައެވެ. އަދި މިއަދު މަސައްކަތުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބެލޭނެއެވެ.
އެ ހާދިސާގައި ސަލާމަތްވި މީހުން ދީފައިވާ މަޢުލޫމާތަށް ބަލާއިރު، ދޯނި ފެތެމުންދިޔަ އިރު ދޯނިން ފުންމާލި އެންމެން ވަނީ ސަލާމަތްކުރެވިފައެވެ. އެ ދޯނިން ފުންމާލައި ސަލާމަތްވެފައިވާ މީހުންގެ ތެރޭގައި ދޯންޏަށް އެ ވަގުތު އަރާ ތިބި ކޯސްޓްގާޑުގެ ހާބަރ ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަނަކާއި އަދި ފުލުހެއް ހިމެނެއެވެ. އަދި ދޯނީގައި އެވަގުތު ތިބި 3 ފަޅުވެރިން ވެސް ހިމެނެއެވެ
އެމްއެންޑީއެފްއިން ބުނީ، އެ ހާދިސާގައި ސަލާމަތްވި ކޯސްޓްގާޑުގެ ހާބަރ ޕެޓްރޯލް ލޯންޗުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި، ކޯސްޓްގާޑުގެ ޑައިވަރ ސާޖަންޓް އަސްރާރު ޢަލީ، ކަނޑުގައި ހޭދަކުރި ވަގުތު ދޯނިން ދަތުރުކުރި 2 ބިދޭސީން ސަލާމަތްކުރުމަށް ހުވަދޫ ކަނޑުގެ ތެރޭގައި ގަދަ ހިތްވަރާއެކު ކޮށްފައިވާ މަސައްކަތް ފާހަގަކޮށްލަންޖެހޭ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންނަކީ ޤައުމީ ޚިދުމަތުގައި ވާޖިބަށް އިސްކަންދީގެން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ކުރެވެންހުރި ކޮންމެ މަސައްކަތެއް ކުރާ ހިތްވަރުގަދަ ބައެއްކަމުގެ ލާމަސީލް ނަމޫނާ ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް ޢަލީ ނާފިޢުއާއި، ސާޖަންޓް ޢަލީ ސައިފްގެ ފަރާތުން ފެނިގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އެ މަސައްކަތުގައި އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަރމަން، ޢަބްދުﷲ ޝަފީޤު ކޮށްފައިވާ ހިތްވަރުގަދަ މަސައްކަތް ވެސް އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ. އަދި ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫން އޭނާއާ ޙަވާލުވެފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގައި އެންމެފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރިކަން ފާހަގަކޮށްފައިވެއެވެ. ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ދޯނީގެ ކެޕްޓަން ދޯނި ސަލާމަތްކުރެވޭތޯ ހިތްވަރާއެކު މަސައްކަތްކޮށްފައިވާ އިރު، ދޯނި އަޑިއަށް ދިޔައީ ވަރަށް ކުއްލި ގޮތަކަށް ކަމަށް ވެސް ބުނެފައިވެއެވެ.
އެ ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އެކުވެރި ގައުމުތަކުގެ އެހީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

