”ޑޮލަރެެއް ނެތް“ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ ”ޑޮލަރެއް ނެތް“ގެ ޕެނަލް ޑިސްކަޝަން ބާއްވަން ނިންމިކަން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި އިއުލާނުކުރައްވައިފައެވެ.
އެ ޕެނަލް ޑިސްކަޝަން ބާއްވަން ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގައެވެ.
އެ ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓުންނަކީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ. ޕެނަލް ޑިސްކަޝަން މޮޑަރޭޓް ކުރައްވާނީ މަޖިލީހުގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ.
”ޑޮލަރެެއް ނެތް“ ނަމުގައި އިދިކޮޅު އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމާފައިވާއިރު، އެމްޑީޕީން ބުނަމުންދަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރުގެ ދަތިކަމުގެ މައްސަލަ އިތުރަށް ގޯސްވެފައިވާ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރަމުންދާ ކަމަށެވެ. އަދި ޑޮލަރުގެ މައްސަލަ ހައްލުކުރަން ކަމަށް ބުނެ ސަރުކާރުން ގާނޫނުތަކަށް ގެނައި އިސްލާހުތަކުގެ ނަތީޖާއެއް ނެތް ކަމަށް ދަނީ ބުނަމުންނެވެ.

