ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގައިދީން ބަދަލުކުރުމުގެ މުހިންމު އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހާމަކުރައްވައިފިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ އިންސާނިއްޔަތަށްޓަކައި ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ބަންގްލަދޭޝްގެ ރައްޔިތުން، އެމީހުންގެ އަމިއްލަ ގައުމުގެ ޖަލުތަކަށް ބަދަލުކޮށް، އެ ގައުމުގައި ހުކުމުގެ ބާކީ ބައި ފުރިހަމަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ބަންގްލަދޭޝްގެ އެމްބެސެޑަރު ވަނީ ދާދިފަހުން މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި، އެ ތަނުގައި ބަންދުކޮށްފައި ތިބި އެ ގައުމުގެ ރައްޔިތުންގެ ހާލަތު ގާތުން ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި ގައިދީންނަށް ކުރިމަތިވާ ދަތިތަކާއި އެމީހުންގެ ބޭނުންތައް އޮޅުންފިލުއްވާފައިވެއެވެ.
މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާފުށީ ޖަލުގައި ބަންގްލަދޭޝްގެ 44 ރައްޔިތުން އެބަތިއްބެވެ. މީގެ ތެރެއިން 34 މީހުންނަކީ މިހާރުވެސް އެކި ކުށްކުށުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ.
ސަފީރުގެ މި ޒިޔާރަތުގައި، ޖަލުގައި ތިބި ގައިދީންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި، އެމީހުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަނީ އެދިވަޑައިގެންފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ކުށްވެރިން އަނބުރާ ގައުމަށް ފޮނުވާލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

