ގިނަ ފަހަރު ކަނދުފަތިތައް ކަނޑައިގެން ދަނީ މަސްވެރިންނަށް ކުރެވޭ ކަންކަމުގެ ސަބަބުން ކަމަށް ފިޝަރީސް މިނިސްޓްރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޒިޔާދު އެއްސެވީ، ވައިކަރަދޫ މުރައިދޫ ބޭރުގައި އޮތް ސްޕޯޓްސް ފިޝިން ކަނދުފަތި ކަނޑައިގެން ގޮސްފައިވާތީ އެކަމަށް ހައްލު ލިބޭނީ ކޮން އިރަކުންތޯ އާއި ކަނޑައިގެންދާ ކަނދުފަތިތައް އަލުން ގާއިމްކުރުމަށް ލަސްވަނީ ކީއްވެގެންތޯއެވެ.
ޖަވާބުގައި މިނިސްޓަރު މިނިސްޓަރު ޝިޔާމް ވިދާޅުވީ، ގިނަ ފަހަރު ކަނދުފަތިތައް ކަނޑައިގެން ދަނީ މަސްވެރިކަމަށް ގޮސް އުޅުމުގެ ތެރޭގައި ކުރެވޭ ކަންކަމުގެ ސަބަބުން ކަމަށެވެ. އެގޮތުން ކަނޑު ގަދަވަމުން، އެއްފަހަރާ ހަތަރު ފަސް އުޅަނދުން ބޮއިގައި ހިފުމުން ބޮއި ކަނޑައިގެން ދަނީ ކަމަށް ވިދާޅުވިއެވެ.
”ވަދު ކަނދުފަތި އަދި ކަނދުފަތި ވެސް ވަރަށް ގިނައިން އެބަ ކެނޑޭ. ބައެއް ފަހަރު ކަނދުފަތި މި ކެނޑެނީ ހަމަ ބައެއް ފަހަރު އަޅުގަނޑުމެންނަށް ކުރެވޭ ކަންކަމުގެ ސަބަބުން، އަޅުގަނޑުމެންނޭ މި ދެންނެވީ މަހަށް ގޮސް އުޅުމުގެ ތެރޭގައި މި ކުރެވޭ ކަންތައްތަކުގެ ސަބަބުން ގިނަ ކަނދުފަތި މި ކެނޑެނީ. ވައިގަދަވީމަ ކަނޑުގަދަވީމަ ހިފާލެވެނީ ބޮއިގައި. ހިފާލެވުނީމަ ބޮއި ކަނޑައިގެން ދަނީ. ހަތަރު ފަސް އުޅަނދު މިގޮތަށް ހިފާލެވުނީމަ، އިއްޒަތްތެރި ރައީސް، ބޮއެއް ނޯންނާނެ ދެއްތޯ،“ ޝިޔާމް ވިދާޅުވިއެވެ.
ކަނދުފަތި ކަނޑައިގެން ދިޔުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް 40 އަހަރަށްފަހު ފުރަތަމަ ފަހަރަށް ކަނދުފަތީގެ ފަރުމާއަށް ބަދަލެއް ގެންނަން މަސައްކަތްކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން އާ ފަރުމާގެ ކަނދުފަތިތައް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވިގެންދާނެ ކަމަށާއި އެއާއެކު ކަނދުފަތި ކަނޑައިގެން ދިޔުމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިހާތަނަށް މި ސަރުކާރުން ވަރަށް ގިނަ ވަދުކަނދުފަތި ގާއިމްކޮށްފައިވާ ކަމަށާއި ނަމަވެސް، ވަދުކަނދުފައްޗަށް އޮތް ޑިމާންޑު އަދިވެސް ވަރަށް ބޮޑު ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު އެކަނި 44 ވަދުކަނދުފަތި ގާއިމްކުރި ކަމަށާއި މި ސަރުކާރު އައިފަހުން 99 ކަނދުފަތި ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ކަޅުބިލަމަށް ހާއްސަކޮށް ރަތް ކުލައިގެ ކަނދުފަތީގެ ވިއުގައެއް ގާއިމްކޮށްފައިވާ ގޮތަށް މިހާރު ވަދުކަނދުފަތީގެ ވިއުގައެއް ގާއިމްކޮށްފައިވާނެ ކަމަށާއި އެ ވިއުގަ އެއްކޮށް ނިމެން މަދުވަނީ ވިއްސަކަށް ވަދުކަނދުފަތި ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވި ގޮތުގައި އެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ވައިކަރަދޫ ކައިރިން ކަނޑައިގެން ދިޔަ ވަދުކަނދުފަތީގެ ބަދަލުގައި އަލުން ވަދުކަނޑުފައްޗެއް ގާއިމްކުރައްވާނެ ކަމަށް ވެސް ޝިޔާމް މިއަދު މަޖިލީހުގައި ވިދާޅުވިއެވެ.

