ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، ވަޒީރުން މަޖިލީހުގެ ނިންމި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ނިންމެވުން ރައީސް ނިންމެވީ 13 ޖޫން 2024 ގައި ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ’ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން’ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިޢާރަތްކުރެއްވުމަށް ފަހުގައި ކަމަށެވެ.
ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މި ނިންމެވި ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، ’ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން‘ އާއި، އަދި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.
ސަރުކާރުން ބުނީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ޙައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ޤައުމަށް ގެނެސްދިނުމަށް ކަމަށެވެ.
ލޭނު މަސްވެރިކަމަށް ހުޅުވާލަން ނިންމިއިރު އެ ނިންމުން ނިންމާފައި ވަނީ ވެސް ފަރުތަކުގެ ދިރުންތަކާއި ކަޅުބިލަ މަހުގެ މަސްވެރިންނަށް އަސަރު ނުފޯރާނެހެން އިގުތިސާދީ ސަރަހައްދުގެ 100 މޭލު ބޭރުންނެވެ.
ފިޝަރީޒް މިނިސްޓްރީ ބުނެފައި ވަނީ ލޭނު މަސްވެރިކަމުގެ ބޭނުމަކީ ދިވެހި މަސް ކަނޑުތަކުން ގައުމަށާއި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށެވެ. އަދި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް އިންޑިއާ ކަނޑުން ކަންނެލި ބާނަން ގައުމުތަކަށް ދީފައި އޮންނަ ކޯޓާގެ ތެރެއިން ރާއްޖެއަށް ލިބިފައިވާ 47،000 ޓަނުގެ ކޯޓާ ފުރިހަމައަށް ބޭނުން ކުރުންކަން ފާހަގަކުރިއެވެ.
ލޭނު މަސްވެރިކަމަށް ހުޅުވާލަނީ ފަރުތަކުގެ ދިރުންތަކާއި ކަޅުބިލަ މަހުގެ މަސްވެރިންނަށް އަސަރު ނުފޯރާނެހެން އިގުތިސާދީ ސަރަހައްދުގެ 100 މޭލު ބޭރުން ކަމަށެވެ.

