ފާއިތުވި މެއި މަހާ އަޅާބަލާއިރު ނިމިދިޔަ ޖޫން މަހު ރާއްޖޭގައި ޑެންގީ ހުން އަދި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހު ޑެންގީ ހުން ޖެހިގެން 794 ކޭސް ރިޕޯޓްކޮށްފައިވާއިރު، ޖޫން މަހު މި އަދަދު ވަނީ 527 އަށް ދަށްވެފައެވެ. އަރިދަފުސް ރޯގާ ޖެހިގެން މެއި މަހު 48,772 ކޭސް ރިޕޯޓްކުރިއިރު، ޖޫން މަހު އެ އަދަދު ވަނީ 40,457 އަށް ދަށްވެފައެވެ.
މީގެ އިތުރުން ބޭރަށް ހިންގުން ޖެހިގެން މެއި މަހު ރިޕޯޓްކުރި 4,726 ކޭސް، ޖޫން މަހު ވަނީ 4,442 އަށް މަދުވެފައެވެ. އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، ޖޫން މަހު ޓެސްޓްކުރި 451 ސާމްޕަލްގެ ތެރެއިން 142 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. މި އަހަރުގެ މިހާތަނަށް ޖުމުލަ 999 މީހުން އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ބަލިތައް ޖެހޭ މިންވަރު މަދުވެފައި ވީނަމަވެސް މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. އެގޮތުން ރޯގާގައި ހޮޑުލުމާއެކު ބޭރަށްހިންގާއިރު ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ބަލި ޖެހިގެން ޑޮކްޓަރަށް ދައްކަމުންދާއިރު ބަލިތަކުން ރައްކާތެރިވެ ތިބުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައިވެއެވެ. އަދި ހުން އައިސް ގައިގާ ރަތްބިހި ނަގާނަމަ، ނުވަތަ ރޯގާގެ އަލާމާތެއް ފެންނަނަމަ ނުވަތަ ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށާއި ސެނިޓައިޒްކުރުމަށާއި މަދިރިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުމަށް ވެސް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި ބަލި ހާލަތު ގޯސްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެ ރޯގާގައި ހޮޑުލުމާއެކު ބޭރަށްހިންގައެވެ. އަދި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ބަލި ޖެހިގެން ދަނީ ޑޮކްޓަރަށް ދައްކަމުންނެވެ. އެހެންކަމުން ބަލިތަކުން ރައްކާތެރިވެ ތިބުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެސްވެއެވެ.
މިދުވަސްވަރު މާލޭގައި ހިމަބިހި އަދި ފާނަބަދަންދުވެސް ފެތުރެމުންދާކަން ފާހަގަކޮށްލެވެއެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެކަނިވެސް 23 މީހަކަށް ހިމަބިހި ޖެހިފައިވެއެވެ. އަދި އޭގެ ކުރީ ހަފުތާގައި 55 މީހަކަށް ބަލި ޖެހިފައިވާކަން ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން، މި ބަލި ކޮންޓްރޯލް ކުރުމަށް ސިއްހީ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

