ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށުގެ ހިޔާނާތާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ މައްސަލަ އަލުން ފަށަން ތާވަލުކުރާނީ އަންނަ މަހު ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
އާރަށުގެ މައްސަލައިގައި ދައުލަތުން އުފުލި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ ސާބިތުވެ، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ހުކުމެއް އިއްވިނަމަވެސް، އެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އިރު ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިގަތީ ރަނގަޅަށް ނޫން ކަމަށް ނިންމުމަށްފަހު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެވެ. އަދި އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން ހައިކޯޓުން އޮތީ ނިންމައިފައެވެ.
ނަމަވެސް، އާ ހެކިތައް ބަލައިގަތުމާމެދު ހައިކޯޓުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ސުޕްރީމް ކޯޓުގައި ހިނގި އިސްތިއުނާފީ މައްސަލަ ނިމެންދެން ދަށު ކޯޓުގައި އާރަށު މައްސަލަ އޮތީ ތާވަލުނުކޮށެވެ. ނަމަވެސް، މި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ނިންމުން ދަމަހައްޓައި އެ މައްސަލައިގައި ހުކުމްކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ”ސަންގަށް“ ވިދާޅުވީ، ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ މައްސަލަ ނިމުމާ ގުޅިގެން އާރަށުގެ މައްސަލަ ތާވަލުކުރުމުގެ މަސައްކަތް އެ ކޯޓުގެ އިދާރީ މުވައްޒަފުން ކުރަމުންދާ ކަމަށެވެ. އަދި ވަކި ދުވަހެއް ކަނޑައެޅިފައި ނެތަސް އަންނަ މަހު އެ ކޯޓުން އެ މައްސަލަ ތާވަލުކޮށްގެން އަލުން ފަށާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ދައުލަތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅާފައި ވަނިކޮށް ވެސް އާރަށުގެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރިއެވެ. ނަމަވެސް، މައްސަލަ މަޑުޖައްސާލީ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ، ޔާމީންގެ ފަރާތުން އެކަމަށް އެދުމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށުގެ ދައުވާ އުފުލައި ޝަރީއަތް ކުރިޔަށް ގެންދިޔައީ 2021 ވަނަ އަހަރުއެވެ. އޭރު މައްސަލަ ބެއްލެވީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަހުމަދު ޝަކީލެވެ.
މައްސަލަ އަލުން ކުރިޔަށް ގެންދާއިރު، މީގެ ކުރިން ދައުވާތައް ރައީސް ޔާމީންގެ މައްޗަށް ސާބިތުކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބޭނުންކޮށްގެންނެވެ. އޭރު ދެބޭފުޅުންނަށް ވެސް ހިޔާނާތުގެ ދައުވާތައް ސާބިތުވެ ތިބީ ޖަލު ހުކުމެއްގައި ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މައާފު ދެއްވައި އަދީބު މިނިވަންކޮށްފައެވެ.
އާރަށުގެ މައްސަލައިގެ އިތުރުން، ވ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ.

